ދިރާސީ އާ އަހަރާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހެނދުނު ދެއްވި ހިތޯބުގައި ވިދާޅުވީ މިއަދަކީ "އުފާވެރި ދުވަހެއް، ހިނިތުން ކުރުވާ ދުވަހެއް" ކަމަށެވެ.

"ސަބަބަކީ، މިއަދަކީ ބޮޑު ބަންދަކަށް ފަހު، އަލުން އާ ދިރާސީ އަހަރެއް ފެށޭ ދުވަސް ކަމަށް ވާތީ. އެތަކެއް ހާސް ދަރިވަރުންނާއި ބެލެނިވެރީންނާއި މުދައްރިސުންގެ އިންތިޒާރު ނިމި އަލުން، އާ ފެށުމަކުން، އާ ރޫހެއްގައި، ޖޯޝާއި ފޯރިއާއެކު އުނގެނުމުގެ ހަރަކާތްތައް ފެށޭ ދުވަހަށް ވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިފެށުނު ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ބަންދު އަންނަނީ ޑިސެމްބަރު 22 އިން އަންނަ އަހަރުގެ ޖެނުއަރީ ހައެއްގެ ނިޔަލަށެވެ. އަދި އަންނަ އަހަރު ބޮޑު ބަންދު އަންނާނީ ޖޫނު 13 އިން ޖުލައި 30 އަށެވެ.

ގާތްގަނޑަކަށް ދޮޅު މަހުގެ ބޮޑު ބަންދަކަށް ފަހު ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި މިއަދު ހެނދުނު ކިޔެވުން ފަށާފައިވާއިރު، މާލޭ ސަރަހައްދުގައި ވަނީ އާ ތިން ސްކޫލެއްގައި ކިޔެވުން ފަށައިފައެވެ. އެއީ ހުޅުމާލޭ ފޭސް ދޭއްގައި އަލަށް އިމާރާތް ކުރި ސަލާހުއްދީން ސްކޫލާއި، ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސީއެޗްއެސްސީގެ އިމާރާތާއި އަދި މާލޭގައި ހެދި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތެވެ.

ނިމިގެން ދިޔަ ދިރާސީ އަހަރަށް ސްކޫލުތައް ބަންދުވީ ޖޫން 22 ގަ އެވެ. ތައުލީމީ އާ އަހަރެއްގެ ކިޔެވުން މިއަދު ފެށީ 216 ސްކޫލެއްގައި ޖުމުލަ 84،200 ދަރިވަރުންނާއެކު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެ ސްކޫލުތަކުގެ ތެރެއިން 156 ސްކޫލެއްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެއެވެ.