މިއަދުވެސް ބައެއް ހިސާބުތަކަށް އުދަ އަރާނެ ކަަމަށް ލަފާ ކުރެވޭތީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން އުދައަރައިގެން އާންމު ރައްޔިތުންނަށާއި ގެދޮރަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރި ވުމަށް އިލްތިމާސް ކޮށްފިއެވެ.

އެންޑީއެމްއޭއިން ވަނީ މާލެއަށާއި ސިނަމާލެ ބްރިޖާއި ހައިވޭ ގުޅުނު ސަރަހައްދަށް އިއްޔެ ވަރަށް ބޮޑަށް އުދަ އެރުމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި މުދަލަށް މީގެ ކުރިން ވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާތީ ރައްކާތެރިވުމުގެ ގޮތުން އެޅުމަށް ފިޔަވަޅުތަކެއް ނެރެފައެވެ.

ރައްކާތެރިވުމުގެ ގޮތުން އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސް ކޮށްފައިވާ ފިޔަވަޅުތައް:

  • އުދަ އަރައިގެން ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން.
  • ގެއަށް ފެން ނުވަންނާނެ ހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން. ( ގޭގެ ދޮރުމަތީ ވެލި ބަސްތާ ޖެހުން)ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން.
  • ބަނދަރުގައި އަޅާފައިވާ އޮޑި ދޯނި ފަހަރުގެ ވައު ކަނޑައިގެން ނުދާނޭ ފަދައަކުން އެއްސުން.
  • މާލެ އަދި ހުޅުމާލެ ބުރިޖުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުން.
  • ކުރިމަތިވެދާނޭ އާންމު ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް، އުދައާއި އެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުން.

މީގެ އިތުރުން، އުދައަރަމުން ދާތީ ޒަރޫރީ ބޭނުމެއްގައި މެނުވީ މާލެއާއި ހުޅުމާލެ ގުޅުވައިދޭ މަގުން ދަތުރު ނުކުރުމަށާއި އަދި ޒަރޫރީ ބޭނުމެއްގައި ބްރިޖުން ދަތުރު ކުރާ ފަރާތްތަކުން ވެސް އުދައެރުން ހުއްޓާލަންދެން 4 ފުރޮޅުލީ އުޅަނދު ނުވަތަ ފެރީގައި ދަތުރު ކުރުމަށް އިއްޔެ ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މާލެ އިރުމަތީ ފަރަތަށް ކޮންމެ އަހަރެއްގެވެސް ހުޅަނގު މޫސުމުގައި މިދުވަސްވަރު އުދައެރުމަކީ އަބަދުވެެސް ދިމާވާ ކަމެކެވެ. އެހެންނަމަވެސް އިއްޔެ މެންދުރުން ފެށިގެން މާލޭ އިރުމަތީ ފަރާތު ރާޅުގަނޑު އުދަ އަރައި މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އުދައިގެ ރާޅާއެކު ގަލާއި ވެލި ވެސް ވަރަށް ބޮޑަށް އެއްގަމަށް ވަނީ އަރާފައެވެ