ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު، އަދި ރާއްޖޭގެ މިވަގުތުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑެސީ ފޯމު ދެންމެ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
މި ފޯމު ހުށަހެޅުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ ކެންޑިޑެސީ ފޯމު އީސީގެ ރައީސް ފުއާދު ތައުފީގާ ހަވާލުކޮށްދެއްވީ، ރައީސް ސާލިހުގެ އިންތިހާބީ އެޖެންޓް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއެވެ.
ރައީސް ސާލިހުގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.
އެމްޑީޕީ އާއި އެ ޕާޓީއާއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަޝިޕްގެ އިސް ބޭފުޅުން ވެސް ރައީސް ސާލިހުގެ ފޯމު ހުށަހެޅުއްވުމަށް ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިންތިހާބާ ބެހޭ މައި މަރުކަޒަށް ވަޑައިގެންނެވިއެވެ.
ރައީސް ސާލިހުގެ ކެންޑިޑެސީ ފޯމުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ފޯމް ހުށަހެޅުން މިއަދު ހެނދުނު ދިހައެއް ޖަހާއިރު އޮންނާނެ ކަމަށް ވެސް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމް މިއަދު އީސީއަށް ހުށަހަޅާނެ ކަމަށް އެޕާޓީއިން އިއްޔެ ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާ މެންދުރު 1400އަށް ހަމަވާއިރު މިހާތަނަށް ކެންޑިޑެސީ ފޯމް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ. އެހެން ނަމަވެސް އެމަނިކުފާނަކީ އެގާރަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅެއްކަމަށް ވާތީ އެމަނިކުފާނުގެ ކެންޑިޑެސީ އީސީއިން ބަލައިގެންފައިނުވެ ބާތިލު ކުރުމުން އެމައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި މިއަދު ހެނދުނު ސުޕްރީމްކޯޓުގައި އެމައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން މިހާރު ކުރިއަށް އެބަދެއެވެ.