އިދިކޮޅު ކޯލިޝަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުމާއި ދެކޮޅަށް އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އީސީން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ސުޕްރީމްކޯޓުން އެމައްސަލައަށް ހުކުމްކޮށް ނިންމައިފިއެވެ.
ސުޕްރީމްކޯޓުން ރައީސްޔާމީންގެ ކެންޑިޑެސީ އީސީން ބާތިލު ކުރި މައްސަލަ، އެކޯޓުގެ ގަޒިއްޔާ ނަމްބަރު: 2023/SC-C/01 ގަޒިއްޔާގެ މިއަދުގެ އަޑު އެހުމުގައި އީސީގެ ނިންމުމަށް ތާއީދު ކުރާ ކަމަށް ހުކުމްކޮށްފައި ވަނީ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ހަތް ފަނޑިޔާރުންގެ ވެސް ތާއީދާއެކުގައެވެ.
މިއަދު އޮތް ހުކުމް ކުރުމުގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ތާއީދު ކުރެއްވި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވަނީ ޔާމީނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށެވެ. އަދި, ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) އިތުރަށް މާނަ ކުރަން ނުޖެހޭ ކަމަށެވެ.
މިއަދުގެ އަޑު އެހުމުގައި އެންމެ ފުރަތަމަ ހުރިހާ ފަނޑިޔާރުންގެ ރައުޔު ހުށަހެޅުމަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވުމާ ގުޅިގެން ހުސްނުއްސުއޫދު ގެ ރައުޔު އިއްވުނެވެ. އަދި ހުރިހާ ފަނޑިޔާރުން ތާއީދު ކުރެއްވީ މިރައުޔަށެވެ.
މިއަދުގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު،
- އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާން،
- ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު،
- ފަނޑިޔާރު އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދު،
- ފަނޑިޔާރު އަލްއުސްތާޒު މަހާޒު އަލީ ޒާހިރު،
- ފަނޑިޔާރު އަލްއުސްތާޒު ހުސްނުއް ސުއޫދު،
- ފަނޑިޔާރު އަލްއުސްތާޒު ޢަލީ ރަޝީދު ހުސައިން،
- ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް
ފަނޑިޔާރު ސުއޫދުގެ ރައުޔު
- ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައިވާ އިބާރާތުގެ މާނައިގައި އޮޅުމެއް ނެތް. އެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ވުމަށް ލާޒިމު ވުމަށް ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ނެތް.
- މައުސޫމު މީހެއް ކަމަށް ނުވަތަ ނޫން ކަމަށް ބަލާނީ، ނިހާއީ ހުކުމަކުން ކަން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުން އެނގޭ. އެހެން ނަމަވެސް އެ މައްސަލަތަކާ ހިނގަމުންދާ ޔާމީނުގެ ކެންޑިޑެސީ މައްސަލައާ ގުޅުވައިލެވެން ނެތް.
- ޖަލު ހުކުމެއްގައި ހުރެމެ އިންތިހާބީ މަގާމަކަށް ކުރިމަތިލުމާ ގުޅޭ ގޮތުން، ކުރިން ބެލި ގަޒިއްޔާތަކުގައި ބަލާފައެއް ނުވޭ. އެ ފުރުސަތު ނުކުމެދާނެ ގާނޫނީ އައިބުތަކަކާ ގުޅޭ ގޮތުން ވެސް އެއިން މައްސަލައެއްގައި ބަހުސް ކުރެވިފައެއް ނުވޭ.
- ގާނޫނު އަސާސީގައި ބަޔާންކުރާ ހައްގުތަކަކީ މުތުލަގަށް ލިބިދޭ ހައްގެއް ނޫން. ގާނޫނު އަސާސީން އެ ހައްގުތައް ހަނިކުރެވޭނެ. ގާނޫނު އަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ މާއްދާއިން، އެ މާއްދާގެ ތަރަހައިގެ ތެރެއަށް އެ ހައްގު ހިފެހެއްޓެވޭ.
- ޖިނާއީ މައްސަލައެއްގެ ކުށުގެ އަދަބަކަށް ކަނޑައަޅާ ޖޫރިމަނާއެއް ނުދައްކާހާ ހިނދަކު އެއީ ސާބިތު ދަރަންޏެއް. ޖޫރިމަނާގެ ފައިސާ ދައްކަން ދިން މުއްދަތު ހަމަވިރިއިރު ނުދައްކާކަން މިރާގެ ނޯޓިސް އިން އެނގޭ. އެހެންކަމުން ޔާމީނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައެޅީ ރަނގަޅަށް.
ނިހާއީ ހުކުމެއް ކަމަށް ބަލާނީ މައްސަލައެއް ދަށު ކޯޓުން ނިންމުމުން މަތީ މަރުހަލާގެ ދެ ކޯޓުން އެކަމާ މެދު ގޮތެއް ނިންމައި ހުކުމް ކުރުމުންނެވެ. އެންމެ މަތީ މަރުހަލާ ސުޕްރީމް ކޯޓުން މައްސަލަ ބަލައި ނުނިމުނަސް، އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވާނެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވާ ގޮތުގައި ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކުރާ ޝަރުތުގައި "ނިހާއީ" ލަފުޒުގެ އިބާރާތް ނެތުމުންނާއި އެ ޝަރުތާ ގުޅުވާފައި އެއްވެސް ގާނޫނެއްގައި ނިހާއީ ހުކުމެއްގެ ވާހަކަ ގެނެސްފައިނުވެއެވެ. އެހެންކަމުން އެއީ ނިހާއީ ހުކުމެއް ގޮތަށް މާނަ ނުކުރެވޭ ކަމަށް ސުޕްރީމްކޯޓުން ވަނީ ހާމަކޮށްފައެވެ.
ޔާމީނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާ ގުޅިގެން، އެ މަނިކުފާނަށް ކުރިމަތިނުލެއްވިދާނެ ހާލަތެއްގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން 'ބެކަޕް ކެންޑިޑޭޓެއް'ގެ ގޮތުގައި ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރެން ޔާމީން އޮތީ އަންގަވާފަ އެވެ. އެ އެންގެވުމާ އެއްގޮތަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިހާބުކޮށްފައެވެ.