މިއަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޕާޓީ ތަކުގެ ތެރެއިން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވާދަަކުރައްވާ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
ކެންޑިޑޭސީ ފޯމް ހުށަހަޅާފައިވަނީ އީސީގެ ރިޔާސީ އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.އަދި އީސީގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގެންނެވީ އީސީގެ ރައީސް ފުއާދު ތައުފީގުއެވެ.
މިރަސްމިއްޔާތުގައި ނާޒިމް އާއެކު ބައިވެރިވެވަޑައިގަންނަވާފައިވަނީ އެ މަނިކުފާނުގެ ރަނިން މޭޓު ޑރ. އަހުމަދު އަދީލް ނަސީރާއި އެމްއެންޕީގެ ދެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށީ ދާއިރާ މެންބަރު އަބްދުﷲ ރިޔާޒު އާއި ވިލިމާލެ ދާއިރާ މެންބަރު އަހުމަދު އުޝާމްއެވެ.
މިއަދު ވަނީ ދެވަނަ ބުރަށް ވާދަކުރާ އެމްޑީޕީގެ ރައީސް މުޙައްމަދު ޞާލިޙްގެ ކެންޑިޑެސީ ފޯމުވެސް އީސީއަށް ހުށަހަޅައިފައެވެ. އަދި އެޕާޓީގެ ފަރާތުން ފޯމު ހުށަހަޅާފައިވަނީ ރައީސް ސޯލިހުގެ އިންތިހާބީ އެޖެންޓް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒްއެވެ.
މީގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމް މިއަދު 1:00 ގައި އީސީއަށް ހުށަހަޅަން ވަނީ ނިންމައިފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކެންޑިޑޭސް ފޯމް ހުށަހަޅާފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް އެމަނިކުފާނުގެ ޝަރުތު ފުރިހަމަ ނުވާކަމަށް ބުނެ އީސީއިން ވަނީ އެފޯމު ބަލައިނުގަންނަން ނިންމާފައެވެ.