ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ރަނިން މޭޓަކަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހަމަޖައްސަވައިފިއެވެ.

މިއަދު އެ ޕާޓީން ބޭއްވި ބައްދަލުވުމުގައި ޤާސިމް ވަނީ ރަނިން މޭޓަކީ އަމީންކަމަށް އިއުލާން ކުރައްވާފައެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު މާދަމައަށް ހަމަވާއިރު، ޖޭޕީން އަދި ކުރިމަތިލާފައި ނުވެއެވެ.

އަމީން އަކީ ޤާސިމްގެ ވަރަށް އަރިސް އަދި ޖޭޕީގެ އެންމެ ގިނަ ދުވަހު އިޚުލާސްތެރި ކަމާއިއެކު މަސައްކަތް ކުރެެއްވި ބޭފުޅާއެވެ. އަދި އެމަނިކުފާނަކީ އެ ޕާޓީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރެއިން އެންމެ އިސް އެއް ޑެޕިއުޓީ ލީޑަރެވެ. އަދި ގާސިމްގެ އުތުރު ކެމްޕެއިން މެނޭޖަރު ކަންވެސް އަމީން ކުރުއްވަމުން ގެންގަވައެވެ.

މީގެއިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރައްވައިފައެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރެއްވި ވުޒާރާތަކުގެ ތެރޭގައި ޖެންޑަ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ހިމެނެއެވެ. އަދި ވީޓީވީގެ ވެރިއަކަށް ހުންނަވާ އަމީން ވަނީ އެމްޓީސީސީ ބޯޑު ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި މަދަމާ 14:00އަށް ހަމަވާނެއެވެ.