ގއ. ދެއްވަދޫން 10 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެރަށަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.

ދެއްވަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ އެރަށުން ޕޮޒިޓިވްވެގެން އުޅެނީ އުމުރުން ތިން މަހުގެ ތުއްތު ކުއްޖަކާ ޑައިރެކްޓް ކޮންޓެކްޓްވި ބައެއް ކަމަށެވެ. އަދި އެކަން އެގޮތަށް މެދުވެރިވުމުގައި ގއ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރެވެއެވެ.

"އެ ތުއްތު ކުއްޖާގެ އާއިލާގެ ބައެއް ފަރާތްތައް އެ ކުއްޖާ އުރާ ހެދި. އުރާ ހެދީ ގއ. އަތޮޅު ހޮސްޕިޓަލުން ފުރަތަމަ އަންގާފައި އޮތީ އެ ކުއްޖާ ނެގެޓިވް ކަމަށް. އެކަމަކު އޭގޭ މާފަހުން ހޮސްޕިޓަލުން މި އަންގަނީ ނޫނެކޭ، ނުބައި މައުލޫމާތޭ ދެވުނީއޭ، އެ ކުއްޖާ ޕޮޒިޓިވްއޭ. މިހެން އެންގިއިރު ވަގުތު ފާއިތުވެއްޖެ. އެތައް ބަޔަކު ވަނީ ނުރައްކަލަށް ހުށަހެޅިފައި،" އޭނާ ވިދާޅުވިއެވެ.

ދެއްވަދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 65 އަހަރުން މަތީގެ މީހަކު ވެސް ހިމެނެއެވެ. އަދި 14 އަހަރުން ދަށުގެ ބައެއް ކުދިން ވެސް ހިމެނެއެވެ.

ދެއްވަދޫގެ ހުރިހާ ރައްޔިތުން ވެސް މާސްކު އެޅުމަށާއި މީހުންނާ ބައްދަލުކޮށް ހެދުމުގައި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.