ރިޔާސީ އިންތިޚާބު ބޮއިކޮޓް ނުކުރަން ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ނިންމި ނިންމުން ގަބޫލުނުކުރައްވާ ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަންގަވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އެގޮތަށް އެމަނިކުފާނު އެންގެވީ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ކުރެއްވި ފޯނު ކޯލެއްގައެވެ.

ރައީސް ޔާމީން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އަންގާފައިވަނީ މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަށްފަހު ވަކީލުން މެދުވެރިކުރައްވައި ޕީޕީއެމްގެ ލީޑާޝިޕަށް ދެއްވި ނޯޓެއްގައެވެ. އަދި އެ ނޯޓުގައި އެމަނިކުފާނު އެދިވަޑައިގެންފައިވަނީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓަށް ގަބޫލުކުރެވޭ ނަމަ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.

ސެނެޓްގައި ނެގުނު ވޯޓުގައި އިންތިޚާބު ބޮއިކޮޓް ކުރުމަށް ވޯޓުދެއްވީ، 46 މެމްބަރުން، އިންތިޚާބުގައި ބައިވެރިވުމަށް ވޯޓު ދެއްވީ، 67 މެމްބަރުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބައްދަލުވުން މިހާރު ވެސް ކުރިއަށް އެބަދެއެވެ. އެ ބައްދަލުވުމުގައި ދެން އެ ކޯލިޝަނުން ކަންތައް ކުރާނެ ގޮތަކާ މެދު ގޮތެއް ނިންމާނެއެވެ.

ޔާމީނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާ ގުޅިގެން، އެ މަނިކުފާނަށް ކުރިމަތިނުލެއްވިދާނެ ހާލަތެއްގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން 'ބެކަޕް ކެންޑިޑޭޓެއް'ގެ ގޮތުގައި ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރެން ޔާމީން އޮތީ އަންގަވާފަ އެވެ. އެ އެންގެވުމާ އެއްގޮތަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިހާބުކޮށްފައެވެ.