ފީފާ ވިމެންސް ވަރލްޑް ކަޕުގެ އެންމެފަހުގެ ޗެމްޕިއަން އެމެރިކާގެ މައްޗަށް ޕެނަލްޓީގައި 4-5 އިން ކުރި ހޯދައި ސްވިޑަން ކުއާޓާފައިނަލުން މިއަދު ޖާގަ ހޯދައިފިއެވެ.

މިމެޗުގެ ތަރިޔަކަށްވީ ސްވިޑަންގެ ކީޕަރު މޮސޮވިކެވެ. އެމެރިކާއިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުށިޔާރުކަމާއެކު އޭނާ ދިފާއު ކުރިއެވެ. އެމެރިކާއިން ފޮނުވާލި 11 ހަމަލާ އޭނާ ދިފާއު ކުރިއެވެ.

ކުއާޓާފައިނަލުގައި ސްވިޑަން ބައްދަލު ކުރަން ޖެހޭނީ މިފަހަރު ތަފާތު ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޖަޕާނާއެވެ.

މިއީ އަންހެނުންގެ ވަރލްޑް ކަޕުގެ ތާރިހުގައި ސެމީފައިނަލަށް ނުގޮސް އެމެރިކާ ކެޓި ފުރަތަމަ ފަހަރެވެ. އެމެރިކާއިން ވަނީ މީގެ ކުރިން 1991، 1999، 2015 އަދި 2019 ވަނަ އަހަރު ވަރލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ދެވަނަ ބުރުގައި މިއަދު ވަރުގަދަ ދެކުނު އެފްރިކާ 2-0 އިން ބަލިކޮށް ނެދަލޭންޑްސްވެސް ވަނީ ކުއާޓާފައިނަލުން ޖާގަ ހޯދާފައެވެ. ކުއާޓާފައިނަލުގައި ނެދަލޭންޑްސް ބައްދަލު ކުރާނީ ސްޕެއިނާއެވެ.

މިމުބާރާތުގެ ދެވަނަ ބުރުގެ ދެމެޗް މާދަމާވެސް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އޮސްޓްރޭލިޔާ އާއި ޑެންމާކެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ފްރާންސާއި މޮރޮކޯއެވެ.