މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 97 އަށް އަރައިފި އެވެ.

މިކަން ހާމަކުރެއްވީ އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 67 މީހުންނަކީ ޕާޓީއަށް ދިޔަ މީހުން ކަމަށެވެ. އަދި 27 މީހުންނަކީ ޕޮޒިޓިވްވި މީހުންގެ ގޭގޭގައި ދިރިއުޅޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޕޮޒިޓިވްވި މީހުން މަސައްކަތްކުރާ ތަންތަނުން ވެސް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކައިވެނި ޕާޓީ ކްލަސްޓާއިން މިހާތަނަށް 287 ކޮންޓެކްޓުން ވަނީ ދެނެގަނެވިފައެވެ.

ކައިވެނި ޕާޓީތަކާއި އެކިއެކި ހަފްލާތައް ބާއްވާއިރު، އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ނުބޭއްވުމަކީ އެކަމުގެ ގެއްލުން އެންމެނަށް ލިބުމުގެ ފުރުސަތު އޮންނަ ކަމަކަށްވާތީ އެފަދަ ކަންކަން އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިޔުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.