ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އެގާރަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ކުރި ޖޫރިމަނާގެ ފައިސާ ހޯދަން ބަންޑާރަ ނައިބުގެ އޮފީހުން ރޭ ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަދުވަހު، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މައްސަލައިގައި ރައީސްޔާމީނަށް އިއްވާފައިވާ އެގާރަ އަހަރުގެ ޖަލުހުކުމާއެކު ހިމެނޭ ޖޫރިމަނާ ފައިސާ ހަ މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އަންގާފައިވާ މިމުއްދަތު ވަނީ މިއަހަރުގެ ޖޫންމަހަށް ހަމަވެފައެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމެވި އެއްސަބަބަކީވެސް މިޖޫރިމަނާގެ ފައިސާ ނުދައްކައި އޮތުމެވެ. މިހެންކަން އޮތުމުން ރައީސްޔާމީންގެ ފަރާތުން ވަކާލާތު ކުރިފަރާތްތަކުން އެޖޫރިމަނާ ފައިސާ އަކީ ދަރަންޏެއްކަމަށް ގަބޫލުފުޅުނުކުރާކަމަށް ވިދާޅުވެފައިވާއިރު ދައުލަތުން ބުނީ ފައިސާ ނުދައްކަވާ އޮތުން ބެލެވޭނީ އެއީ ސާބިތު ދަރަންޏެއް ކަމުގައެވެ. ހަމަ އަނެއްކޮޅުން މި ނިންމުމާ ގުޅިގެން ޔާމީން ވިދާޅުވީ ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވެގެން އެކަން އެއްވެސް ފަރާތަކަށް އަންގަވާފައި ނުވާކަމަށެވެ. މާނައަކީ އެމަނިކުފާނަށްވެސް އަދި އެމަނިކުފާނުގެ ގާނޫނީ ޓީމަށްވެސް ކަމާ ބެހޭ އިިދާރާއިން އެފައިސާ ދެއްކުމަށް އަންގަވާފައި ނުވާކަމަށެވެ.

އެހެންނަމަވެސް މި މައްސަލާގައި އިއްޔެ ސުޕްރީމްކޯޓުން އިއްވި ހުކުމްގައި ވަނީ ފައިސާ ނުދައްކައިގެން އެކަމުގެ ލިޔުން ރައީސް ޔާމީންނަށް މީރާއިން ފޮނުއްވާފަައިވާކަން ރެކޯޑްތަކުން ފެންނަކަމަށެވެ. އަދި އެ ލިޔުން އެމަނިކުފާނުގެ ވަކީލުންނަށް ދެއްވުމަށް އެދިވަޑައިގެން ރައީސް ޔާމީން ސޮއިކޮށް ޕިންގަރ ފްރިންޓް ޖަހާފައިވާކަން ކަރެކްޝަންސްގެ ލިޔުންތަކުން އެނގޭކަންވެސް ސުޕްރީމްކޯޓުގެ ހުކުމުގައިވެެއެވެ.

ސުޕްރީމްކޯޓުން އިއްޔެ ނިންމެވި ނިންމެވުމުގައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު ޖަލުހުކުމެއް ރައީސް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުން ރަނގަޅުކަމަށެވެ.

ޔާމީންއަށް ވާދަ ނުކުރެއްވޭ ހާލަތަކަށް ވިސްނައި މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ސިސްޓާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުކޮށްފައެވެ. ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕުން މިހާރު ބުނަނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނުކުންނަ ނަމަ ޕީއެންސީން މުއިއްޒު ވާދަ ނުކުރެއްވުމަށް އެއްބަސްވެފައިވާ ކަމަށެވެ.