އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެވި ކުރީގެ ބަންޑާރަ ނައިބު ޑރ މުޙައްމަދު މުނައްވަރު ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ.

ޑރ މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމެވީ އިންތިހާބުގައި ވާދަކުރައްވަން ގަސްދު ކުރެއްވި ހަގީގީ މަގުސަދު ހާސިލުނުވެ ބޮޑު ޖޯކަކަށް އެކަން ވެގެންދާން ނޭދޭތީ ކަމަށެވެ.

ގުޅިގެން "ހަލި" ނޫޙުން ކޮށްލި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ މުނައްވަރު ވިދާޅުވީ ރާއްޖޭގައި އެތައް އިގްތިސާދީ އަދި ގައުމީ މައްސަލަތައް ހުރި ދަނޑިވަޅެއްގައި މުޅިންވެސް ފެނިވަޑައިގަންނަވަމުން ދަނީ އަމިއްލަ ކުރިއެރުމަށް އަމިއްލަ ކަންތައްތަކަށް ކުރިހޯއްދެވުމަށް މަސައްކަތް ކުރެެވޭ މަންޒަރުކަމަށެވެ. މީގެ އިތުރުން ޑރ މުނައްވަރު ވިދާޅުވީ ރިޔާސީ އިންތިހާބަކީ ސީރިއަސް ކަމެއް ނެތް ޖޯކަކަށް ވެފައިވާކަހަލަ މަންޒަރުތަކެއް، އެހެންނޫނީފައިސާގެ ވާދަވެރިކަން، ކާކަށްތޯ އެންމެ ބޮޑު ހުށަހެޅުން ހުށަހެޅެނީ، އެންމެގިނައިން ކާކަށްތޯ ހަރަދު ކުރެވޭނީ، މިފަދަ ކަންތައްތައް ފެނިވަޑައިގަންނަވާތީ، އިންތިހާބާ ކުރިމަތިލާން އެމަނިކުފާނު އުންމީދު ކުރެއްވި ގޮތަކަށް ކަންތައް ނުދާނެކަން ހާމަވެއްޖެ ކަމަށެވެ،

އަދިވެސް އިތުރަށް ޑރ މުނައްވަރު ވިދާޅުވީ ގައުމުގައި ހުރި އެތައް ބައިވަރު މައްސަލަތަކަށް ހައްލު ގެނައުމަށް އެފަދަ އެއްވެސް ބަހުސެއް ކުރެވި، ވާހަކަ ދެކެވޭތަން ނުފެންނާތީވެ، އެމަނިކުފާނުގެ މަގުސަދު ހާސިލު މިއީ ގައުމަށް ކަމެއް ކޮށްދިނުމަށް، ގައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ގެނައުމަށް ކުރާ ކަމެއް ނޫންކަން ފާހަގަ ވެ ފެންނަމުންދާތީ އިންތިހާބުގައި ވާދަ ނުކުރައްޗަން ނިންމެވިކަމަށެވެ.

ޑރ މުނައްވަރު ވިދާޅުވީ މާދަމާ ހަވީރު މިކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވާފައިވާކަމަށެވެ.