ޖެނީވާގެ ޕެލޭ ޑި ނޭޝަންސްގައި ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރް) ގެ 48 ވަނަ ސެޝަންގައި ރާއްޖޭގެ ވަފްދު ބައިވެރިވެއްޖެއެވެ.

ޔޫ.ޕީ.އާގެ 48 ވަނަ ސެޝަން ކުރިއަށްދާން ހަމަޖެހިފައިވަނީ 20 އިން 31 ޖަނަވަރީ 2025 ނިޔަލަށެވެ. މި ސެޝަންގައި 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ރިވިއު ކުރެވޭނެއެވެ.

ޔޫ.ޕީ.އާރް އަކީ އ.ދ.ގެ މެމްބަރު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރުމަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ހަތަރުވަނަ ރިވިއު ސައިކަލް 2022 ވަނަ އަހަރު ފެށި، 2027 ގައި ނިމޭނެއެވެ. މި ނިޒާމުގެ ދަށުން އިންސާނީ ޙައްޤުތަކާ ގުޅޭ އިލްތިޒާމުތައް އުފުލުމުގައި ޤައުމުތަކުން ކުރާ މަސައްކަތް އަގުވަޒަންކޮށް، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކުރެވެއެވެ.

ރާއްޖޭގެ ވަފުދުގެ އިސްވެރިޔާގެ ގޮތުގައި ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. ވަފުދުގައި އިތުރު ތިން މެންބަރުން ހިމެނިވަޑައިގަންނަވާއިރު، ރިވިއުކުރެވޭ ޤައުމުތަކަށް ބިނާކުރަނިވި އިސްލާޙުތަކެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.