މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޑިޕެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ ކެންޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ޒަމީލުގެ ކެންޑިޑެންސީ ފޯމާއި ހަވާލުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. ޒަމީލްގެ ރަނިން މޭޓަކަށް އައްޔަން ކުރައްވާފައިވަނީ އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް އަލީމެވެ. އަދި އިންތިހާބީ އޭޖެންޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އޭނާގެ ދަރިކަލުން އަހްމަދު މަހްރާން ޒަމީލެވެ.

ޒަމީލު ފޯމް ހުށަހެޅުއްވީ 1,670 ތާއީދާއެކުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވި ޒަމީލު އެންމެ ފަހުން ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުގައެވެ.

ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ މަރިޔަމް އަލީމް އެންމެ ފަހުން ހުންނެވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އިސް މަގާމެއްގައެވެ.

ކުރިއަށް މިއޮތް ރިޔާސީއިންތިހާބަށް ކުރިމަތިލުމުގެ ވަގުތު މިއަދު މެންދުރު 2:00 އަށް ހަމަވެފައިވާއިރު، އިންތިހާބުގައި ވާދަކުރެއްވުމަށް މިހާތަނަށް އީސީއަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވަނީ ޖުމްލަ 8 ބޭފުޅެކެވެ.

މި ބޭފުޅުންގެ ތެރެއިން އީސީން މިހާތަނަށް އެފަރާތްތަކުގެ ކެންޑިޑެސީ ބަލައިގެންފައިވާ ފަރާތްތަކަކީ:

  • އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހު
  • އެމްއެންޕީގެ ފަރާތުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު
  • ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަމިއްލަގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަމިއްލަ ގޮތުން ކުރިމަތިލައްވާ އަހުމަދު ފާރިސް މައުމޫން މިއަދު ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީންގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ މިއަދު ހެނދުނު ވަނީ ހުށަހަޅުއްވައިފަ އެވެ.