ކުރިއަށް މި އޮތް ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލުކުރައްވައިފިއެވެ.

ޑރ. ވަހީދުގެ ގެކޮޅު، މއ. ޔުރޭކާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ގާސިމާއެކު އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް އަދި ގާސިމްގެ އެޑްވައިޒަރު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޑރ. ވަހީދާއި ގާސިމް ބައްދަލު ކުރެއްވިއިރު ވަހީދު އަކީ ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރެކެވެ.

މި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް ވިދާޅުވީ ރައީސް ވަހީދާ ބައްދަލުކުރެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް ދައުވަތުދެއްވުމަށް ކަމަށެވެ.

ގާސިމް ވިދާޅުވީ ގައުމުގެ ހާލަތާއި ގައުމާމެދު ކަންތައްތައް ވަމުންދާ ގޮތްތަކާއި ރައީސް ވަހީދުގެ ފައިންޕުޅު ދެކިލަން ކާޓަސީއެއްގެ ގޮތުގައި ޑރ ވަހީދުގެ އަރިހަށް "ޖައްސާލީ" ކަމަށެވެ. އަދި ރައީސް ވަހީދާ ބައްދަލުކުރެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް ދައުވަތުދެއްވުމަށް ކަމަށާއި ގޮތް ނިންމަވާނީ ޑރ ވަހީދު ކަމަށެވެ.

"ގައުމުގެ ހާލަތާއި ގައުމާމެދު ކަންތައްތައް ވަމުންދާ ގޮތްތަކާއި ރައީސް ވަހީދުގެ ފައިންޕުޅު ދެކިލަން ކާޓަސީއެއްގެ ގޮތުގައި ޖައްސާލީ. (އެކުގައި މަސައްކަތް ކުރަން) އަޅުގަނޑު އޮފާކޮށް ދަންނަވާފައި މިދަނީ. ދެން އެބޭފުޅާ ޑިސައިޑް ކުރައްވާނެތާދޯ. އަޅުގަނޑުމެންގެ ވިލިންގްނެސް އެބޭފުޅާގެ އަރިހުގައި އޮތްކަމާއި ގައުމަށްޓަކައި އަޅުގަނޑުމެންނާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަށް ދަންނަވާފައި މިދަނީ،"
ގާސިމް

ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ރައީސް ވަހީދުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށާއި މިގައުމުގެ ސަލާމަތާއި އަމާންކަމަށްޓަކައި ކުރައްވާ ދަތުރުގައި އެމަނިކުފާނުގެ "ބްލެސިން" އާއި ރުހުމާއި ލޯބި ދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް، ރައީސް ވަހީދާ ބައްދަލުކުރެއްވި އިރު، މި ހަފުތާގެ ތެރޭގައި ފެތުރުނު ގާސިމްގެ ރަނިންމޭޓަކަށް ޑރ. ވަހީދު ހަމަޖައްސަވަން އުޅުއްވާ ކަމުގެ އަޑުތައް ޑރ. ވަހީދު ވަނީ ދޮގުކުރައްވައިފައެވެ.

މިއަދު ހުށަހެޅުއްވި ގާސިމް އިބްރާހިމް ގެ ކެންޑިޑެސީ ފޯމު އީސީން ވަނީ ބަލައިގެންފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހަޅައި ކާމިޔާބު ކުރައްވާފައިވާ އަށް ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ ބުދަ ދުވަހުއެވެ.