ދިވެހިންނަށް ވިސާއާ ނުލާ ސައުދީއަރަބިއްޔާއަށް ދިޔުމުގެ ފުރުސަތު ތަނަވަސްވެއްޖެއެވެ.

އިއްޔެގައި ސައުދީ ސަރުކާރުން ކުރި އިއުލާނެއްގައިވަނީ 8 ގައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލާ ސައުދީއަށް ދެވޭހެން ހަދާފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.

ރާއްޖޭގެ އިތުރުން މި ލުއިތައް ލިބުނު ގައުމުތަކުގެ ތެރޭގައި އުޒްބަކިސްތާން، އަލްބޭނިއާ، ދެކުނު އެފްރިކާ، ޖިއޯޖިއާ، ތަޖިކިސްތާނާއި ކިރްގިސްތާން ހިމެނެއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ ސައުދީއަށް ޒިޔާރަތް ކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިތަކެއް ދިނުމަށް އެގައުމުން ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި މި ނިންމުމާއެކު މިހާރު ދިވެހިންނަށް ސައުދީގެ ޓޫރިސްޓް އީ-ވިސާއަށް އެދެވޭނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ދިވެހިން ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން އުމްރާގެ އަޅުކަން އަދާ ކުރުމާއި ވިޔަފާރި ކުރުމާއި އާއިލާއާއި ރައްޓެހިންނަށް ޒިޔާރަތްވެސް މި ވިސާގެ ދަށުން ކުރެވޭނެކަމަށެވެ. އަދި ވިސާ ބޭނުންވާ ފަރާތްތަކުން މިހާރު އީ-ވިސާ ލިބޭނެ ގޮތާއި އެއާޕޯޓުން ވިސާ ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އީ-ވިސާ ދޫކުރަން ފެށި ނަމަވެސް ހައްޖުގެ އަޅުކަމަށް ދާ މީހުންނާއި ހައްޖުގެ ދުވަސްވަރު އުމްރާގެ އަޅުކަމަށް ދާ މީހުން ވިސާ ހައްދަން ޖެހެއެވެ.

މި ބަދަލުތަކާއެކު 2030 ގެ ނިޔަލަށް އެ ޤައުމަށް އަހަރަކު 100 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.