އަފްސަމްއަކީ ދަރުކޮށައިގެން ލިބޭ ކުޑަ އާމުދަނީއަކާއެކު ދިރިއުޅެމުންދާ ޒުވާނެކެވެ. ލިބޭ އެތިކޮޅުގެ މަދުކަމާއި އެކު ވަރަށް ވިސްނުމަށް ފަހު ތަންކޮޅެއް ފުޅާކޮށް މި ވިޔަފާރިކުރަމުންދާ ވިޔަފާރިވެރިއެއް ގެ ގާތުން ވަޒީފާއަކަށް އަފްސަމް އެދުނެވެ. އަފްސަމް ބޭނުންވީ ގޮތަށް ވަރަށް ރަނގަޅު މުސާރައަކާއި އެކީ ވަޒީފާ ލިބުނެވެ. އަދި މަސައްކަތުގައި ފަރުވާތެރިވާ މިންވަރަށް ބަލާފައި މުސާރަ ބޮޑުކުރެވޭނޭ ކަމުގެ އުފާވެރިކަން ވެސް ބޮޑުމީހާ ދިނެވެ. އެހެންކަމުން ވީހާ ގިނައިން ދަރުކޮށުމުގެ ހިތްވަރާއި ޖޯޝް އަފްސަމް ގެ ހިތުގައި އާލާވަމުން ދިޔައެވެ.

ބޮޑު މީހާ އަފްސަމްގެ އަތަށް ކޯރާޑިއެއް ދިނުމަށްފަހު ދަރުކޮށަންވީ ހިސާބުގަނޑު ދެއްކިއެވެ. ފުރަތަމަ ދުވަހު ވެސް ފަނަރަ ގަހުގެ ދަރު އަފްސަމް ގެނައެވެ. ބޮޑުމީހާގެ ކިބައިން ވަރަށް ގިނައިން ހިތްވަރުގެ ބަސްތައް ލިބުނެވެ.

މި ލިބުނު ހިއްވަރުގެ ސަބަބުން ދެވަނަ ދުވަހު އާ އަޒުމަކާއި އެކީ ވީހާ ގިނަ ގަސްކެނޑުމަށް އޭނާ ނިންމިއެވެ. އެހެނަސް ބިމާ ހަމަ ކޮށްލެވުނީ އެންމެ ދިހަ ގަހެވެ. ތިންވަނަ ދުވަހު ހަމަ އެހާ ހިއްވަރު ކުރީމާވެސް ކަނޑާލެވުނީ އެންމެ ހަތް ގަހެވެ. މި ގޮތުގެ މަތީން ދުވަހެއް ދުވަހަކަށް ދަރުކޮށޭވަރު މަދުވަމުން ދިޔައެވެ.

އަފްސަމް އަށް ހީވެފައި އޮތީ އޭނާގެ ބާރު ހަމަ ދެރަވަމުންދަނީ ކަމުގައެވެ. އެންމެ ފަހުން ގޮތް ހުސްވުމުން ވަރަށް މާޔޫސްވެފައި ހުރެގެން، ބޮޑުމީހާގެ ގާތުގައި އެ ވާހަކަ ކިޔައިދީ މައާފަށް އެދުނެވެ. މައްސަލައަކީ ކޮބައިކަން ނޭނގޭ ކަމަށްވެސް ބުންޏެވެ.

ވެގެން އުޅޭ ގޮތް ބޮޑުމީހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މައްސަލައަކީ އަފްސަމް ގެ ގައިގައި ވަރު ނެތީ ނޫންކަމާއި ކޯރާޑީގެ ފެންވަރުވެސް ދަށީ ނޫންކަމާއި މައްސަލައަކީ ކޯރާޑި ތޫނު ނުކުރާ މައްސަލަ ކަމުގައި އޯގާތެރިކަމާއި އެކު ބޮޑުމީހާ އަފްސަމްއަށް ވިސްނައިދިނެވެ.

ރަނގަޅު ފިލާވަޅެކެވެ. ހަމަކޮންމެ މީހަކު ވެސް ބުއްދިކޮށްލާ ވިސްނާލަންޖެހޭ މައްސަލައެކެވެ.

ދަސްކުރާށެވެ. އީމާންކަން ކޯރާޑިއެއް ފަދައެވެ. ކޯރާޑި ކޮށިވެފައި ތޫނުވާ ފަދައިން އީމާން ކަން ވެސް ކޮށިވެފައި ތޫނުވެއެވެ. މަދުވެފައި އިތުރުވެއެވެ. އީމާންކަން ތާޒާކުރުމަށް މަސައްކަތެއް ނުކޮށް އުޅެންވެއްޖެ ނަމަ ދުވަހެއް ދުވަހަކަށް މީހާ ދާނީ ދީނާއި ދުރުވަމުންނެވެ. އިސާހިތަކު ގޯޅިއެޅިދާނެއެވެ. ޝައިޠާނާ ހުންނަނީ އީމާންކަން "ކޮށި" ކުރެވޭނެ އެންމެހައި ގޮތްތައް ތައްޔާރުކޮށްގެންނެވެ. ވީމާ އީމާން ކަމުގެ ކޯރާޑިން ޖަހާ ޝައިޠާނާ ބަލިކޮށްލެވޭނީ އީމާންކަން ތާޒާކުރުމަށްޓަކައި ތިމާގެ ހުރި ކަންނެތްކަން ފިލުވާލާފައި ގަދައަޅާ މަސައްކަތްކޮށްގެންނެވެ. "ޒިކުރުގެ ހަނުން" "އީމާންކަން ތޫނު" ކޮށްގެންނެވެ.

ކޯރާޑީގައި އެހާ ފެންވަރު ނެތީއެއް ނޫނެވެ. ތަންކޮޅެއް ކޮށީއެވެ. ތޫނުކޮށްލާށެވެ.

ނޯޓު: ނޫރުލް އިސްލާމް ވެބްސައިޓުން ނަގާފައި