އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ޔާމީންގެ ފަރާތުން ރޭގައި އެދިވަޑައިގެންފިއެވެ.
ޔާމީންގެ ހުކުމު ހައިކޯޓުގައި އިސްތިއުނާފް ކުރިއިރުގައިވެސް އެމަނިކުފާނު ވަނީ މިކަމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް އެކަމަށް އެދިވަޑައިގެން ސިޓީ ހުށަހަޅާފައިވަނީ އިޖުރާއަތްތަކާ ހިލާފަށްކަމަށްވާތީ ހައިކޯޓުން އެ ސިޓީ ވަނީ ބާތިލްކޮށްފއެވެ.
ހައިކޯޓުގެ އޮފިޝަލަކު މީޑިއާ އަށް މިއަދު ވިދާޅުވީ، އަނެއްކާވެސް އަލުން ހުކުމް ފަސްކުރުމުގެ އަމުރަކަށް ޔާމީންގެ ވަކީލު ރޭގައި އެދިފައިވާކަމަށެވެ.
މިއަންނަ މަހުގެ ނުވަ ވަނަދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރުމަށް ޔާމީން ފޯމު ހުށަހެޅުއްވި ނަމަވެސް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާތީ އީސީ ފޯމު ބާތިލުކޮށް އަދި ސްޕްރީމް ކޯޓުން ވަނީ އީސީގެ ނިންމުމަށް ތާއީދުކޮށްފައެވެ.
މިކަމަށް ޔާމީން އެދިވަޑައިގެންފައި މިވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެ ފައިސާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވަނިކޮށެވެ.