ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރާ ހަތަރުހާސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު މާދަމާ އާންމު ކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ފްލެޓާއި ގޯތި ކޮމިޓީގެ ޗެއަރމަން، ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މާދަމާ ފްލެޓް ލިބޭ މީހުން އިއުލާންކުރުމަށްފަހު، ލިސްޓަށް ޝަކުވާ ހުށަހަޅަން ފަނަރަ ދުވަހުގެ މުއްދަތެއް ލިބޭނެކަމަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާން ފުރުޞަތު ހުޅުވާލީ މިދިޔަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފޯމް ހުށައެޅުމުގެ ސުންގަޑި މިދިޔަ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ. މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުޞަތުގައި ފްލެޓަށް އެދި 20697 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ. އަދި ގޯއްޗަށް އެދި 15164 އެޕްލިކޭޝަން ވަނީ ހުށައަޅާފައެވެ.

ސަރުކާރުގެ “ގެދޮރުވެރިޔާ” ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4000 ހައުސިންގ ޔުނިޓުގެ އެޅުމުގެ މަސައްކަތް އިންޑިއާގެ 2 ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކުރައްވައިގެން އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.

މިފެލްޓަތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓާއި 2 ކޮޓަރީގެ އެޕާޓްމަންޓެވެ. ކޮނެމް އެޕާޓްމަންޓެއްވެސް ތަރައްޤީކޮށްފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަ ވާނެގޮތަށް، ޖާގަ ތަނަވަސް އަދި ޒަމާނީ ފެންވަރަށެވެ.