ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކާމިޔާބުވެ ވެރިކަމާއި ހަވާލުވާ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާނެކަމަށް އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މިއަދު ދެޕާޓީގެ ކެމްޕޭންގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުވުމުގައި ޔާމީންގެ ކެމްޕޭން މެނޭޖަރުންނާއި، ދެޕާޓީގެ އިސްބައެއް ބޭފުޅުން ބައިވެރިވި މި ބައްދަލުވުމުގައި ޑރ.މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެނަމަ، ފުރަތަމަ ދުވަހުވެސް މިހާރު ވެރިކަމުގައި ހުރި ރައީސަށް، ރައީސް ޔާމީން ގެއަށް ބަދަލުކޮށް މިނިވަން ކޮށްދެއްވުމަށް ގޮވާލާނެ ކަމަށާއި އެކަން އެމަނިކުފާނު ނުކޮށްފިނަމަ، ވެރިކަމާއި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާނެކަމަށެވެ.

ރައީސް ޔާމީނަކީ ރާއްޖޭގެ އެންމެ ތާއީދު ބޮޑު އެއްސިޔާސީ ލީޑަރަށް ވެފައި އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ކެނޑިނޭޅި ޕީޕީއެމްގެ އާންމު މެމްބަރުން ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން ޑރ.މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތް ނުކޮށް ކުރާނެ އިތުރު މަސައްކަތެއް ނޯންނާނެކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް މިހާރުވެސް ކުރާ މަސައްކަތް ހުއްޓާނުލައި އިންތިޚާބުގެ ކެމްޕޭންގައިވެސް އަދި އިންތިހާބު ކާމިޔާބުކޮށްގެންވެސް ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލުގެ ހުކުމާއި ގުޅިގެން އެމަނިކުފާނާއި، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތްކަމަށް ސްޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް އިންތިޚާބުވީ ޑރ.މުއިއްޒުއެވެ.

ރިޔާސީ ރޭހަށް ޕީޕީއެމް، ޕީއެންސީން ނިކުތުމާއިމެދު އޮތް ހިޔާލު ތަފާތުވުންތަށް އެއްކުރެވި، އިންތިޚާބުގައި ވާދަކުރަން ނިންމައި، ރައީސް ޔާމީންގެ ތާއީދުވެސް ވަނީ ޑރ.މުއިއްޒަށް އޮތްކަން ހާމަކުރައްވާފައެވެ.