އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކުރި މެނިފެސްޓޯ "އަމާން ދިވެހިރާއްޖެ" ރޭ އިފުތިތާހު ކޮށްފިއެވެ.

"އަމާންދިވެހިރާއްޖެ" މެނިފެސްޓޯ އިފުތިތާހު ކޮށްދެއްވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. އެމްޑީޕީގެ މެނިފެސްޓޯ އިފްތިތާހުކޮށްދެއްވާފައިވަނީ، ރައީސް ސާލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައެވެ.

އެމްޑީޕީގެ މެނިފެސްޓޯ ބަހާފައިވާ ފަސް ސިޔާސަތުތަކަކީ:

  1. އުފާވެރި ދިރިއުޅުން
  2. އަމާން މުޖުތަމައު
  3. ޒުވާނުންގެ އާޖީލު
  4. އިގުތިސާދީ ބޮޑު ބަދަލު
  5. ހެޔޮވެރިކަން

އެމްޑީޕީގެ "އަމާން ދިވެހިރާއްޖެ"މެނިފެސްޓޯގެ ފަސް ސިޔާސަތުގެ ތެރެއިން މިރޭ އިފްތިތާހުކޮށްފައި އުފާވެރި ދިރިއުޅުމުގެ ސިޔާސަތު އެކަންޏެވެ. އެ ސިޔާސަތުގެ ދަށުން މައިގަނޑު ތިން ބައެއް ހިމަނާފައިވެއެވެ. އަދި މިއިން ކޮންމެ ބައެއް ވަނީ ސަބްބައިތަކަކަށް ބަހާލެވިފަައެވެ.

  • ދުޅަހެޔޮ ބަދަހި މުޖުތަމައު،

  • ފެންވަރު ކަށަވަރު ސިއްހީ ހިދުމަތަށް އިތުބާރު
  • ހަމަނޭވާލެވޭ ބޯހިޔާވަހިކަން
  • ރިވެތި އިސްލާމީ ދިރިއުޅުން
  • ފަހުރުވެރި ދިވެހި ރައްޔިތެއް
  • ޖަމާއަތުގެ ބައިވެރިވުމާއި ބާރުވެރިކަން އަދި އިޖުތިމާއީ ރައްކާތެރިކަން
  • އުފެއްދުންތެރި ފުދުންތެރި ޖީލު،

  • މާދަމާގެ މީހާ މިއަދު
  • ފެންވަރު ކަށަވަރު މަތީ ތައުލީމާއި ތަމްރީން
  • ކުރިއަށް ކުޅިވަރު، ކުރިއަށް ކުޅުންތެރިން
  • ޝާމިލު އޯގާތެރި ރައްޔިތުން

  • އިސްރަށްވެހިންނަށް އިސްކަން- ބާރުވެރިވުމުގައި އަންހެނުންނަށް ފަހިކަން
  • ވަށާލެވޭ ހިމާޔަތާއެކު ކުދިންގެ އަޑު
  • މާނަވީ ބައިވެރިވުމުން ގަދަރުވެރި ދިރިއުޅުން

މެނިފެސްޓޯ އިފްތިތާހު ކުރި ޖަލްސާގައި ސިޔާސަތާ ގުޅޭ ތަފުސީލު ދެއްވަމުން ސޯޝިއޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ޑރ. އައިޝަތު ޝަފީނާ ވިދާޅުވީ މި މެނިފެސްޓޯގައި ހިމެނޭ ސިޔާސަތުތަކަކީ އާންމުންގެ ބައިވެރިވުމާއި މަޝްވަރާ އާއީ ކާމާބެހޭ ފަންނީ މާހިރުންގެ އިރުޝާދާއި ލަފާގެ މަތިން އެކުލަވާލެވުނު ސިޔާސަތުތަކެއް ކަމަށެވެ.