މިދިޔަ މަހުގެ 26 ވަނަ ދުވަހު ނައިޖާ ސިފައިން ގެނައި ބަޣާވާތަށްފަހު ގައުމުގައި ހިފަހައްޓާފައިވާ ރައީސް މުހައްމަދު ބަޒޫމް ސަލާމަތް ކުރުމުގެ މަޝްވަރާތަކަށް އެމެރިކާގެ ޑިޕްލޮމެޓުންގެ އިސް ޓީމެއް ނައިޖާއަށް ހިނގައްޖެއެވެ.

އެމެރިކާގެ އެކްޓިންގ ޑެޕިއުޓީ އޮފް ސްޓޭޓް ވިކްޓޯރިއާ ނޫލަންޑް ވިދާޅުވީ ރައީސް މުހައްމަދު ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެމެރިކާގެ ޑިޕްލޮޮމެޓުންގެ ޓީމުން ބަޣާވާތުގައި އިސްކޮށް ހަރަކާތްތެރިވި ލީޑަރ މޫސާ ސަލޫ ބާމޫ އާއި އޭނާގެ އަރިސް ތިން ޖެނެރަލުންނާއެކު މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.

ނޫލަންޑް ވިދާޅުވީ ވެރިކަމަށް އަމިއްލައަށް އިސްވެ ހުންނެވި އަބްދުއްރަހްމާން ޗިއާނޭއާ ބައްދަލު ކުރެއްވުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބު ވެފައި ނުވާ ކަމަށެވެ. އެކަމަކު ޗިއާނޭއާ ބައްދަލު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ނޫލަންޑް ވިދާޅުވިއެވެ.

ނައިޖާއިން ބަޣާވާތް ކުރުމާއި ގުޅިގެން އެފްރިކާގެ އިއްތިހާދުން ވަނީ ނައިޖާގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި ނައިޖާއަށް ކަރަންޓުގެ ޚިދުމަތް ދެމުން ދިޔަ ނައިޖީރިއާއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކަނޑާލައި ރައީސް މުހައްމަދު ބަޒޫމްއާ ވެރިކަން އަލުން ހަވާލު ކުރުމަށް ގޮވާލާފައެވެ.

އެފްރިކާގެ އިއްތިހާދުގެ ގޮވައިލުންތަކަށް އިޖާބަ ނުދޭނަމަ އަސްކަރީ ގޮތުން ނައިޖާއަށް އަރައިގަންނާނެ ކަމުގެ އިންޒާރުވެސް ނައިޖީޔާއިން ވަނީ ދީފައެވެ. ރައްދުގައި ނައިޖާގެ ބަޣާވާތުގެ ލީޑަރުން ބުނެފައި ވަނީ ހަނގުރާމައެއް ކުރަން ޖެހިއްޖެނަމަ އެކަމަށް ތައްޔާރު ކަމަށެވެ.