ރަތް ކަނޑުން ދަތުރު ކުރާ ކާގޯ ބޯޓްތަކަށް އީރާނުން ކުރިމަތިކުރާ ނުރައްކަލަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއިން ހަނގުރާމަ މަތީ 2 މަނަވަރާއި 3000 ސިފައިން އެސަރަހައްދަށް ފޮނުވައިފިއެވެ.

ޕެންޓަގަން އިން ބުނާ ގޮތުގައި ފާއިތުވި ދެ އަހަރު ތެރޭގައި އީރާނުން ވަނީ އެ ސަރަހައްދުގައި ބައިނަލްއަގްވާމީ ދިދަ ޖަހާފައިވާ ގާތްގަނޑަކަށް 20 ބޯޓު އަތުލައިގަނެ ނުވަތަ ކޮންޓްރޯލް ކުރަން މަސައްކަތްކޮށްފަ އެވެ.

ރަތް ކަނޑަށް އެމެރިކާއިން ފޮނުވީ ޔޫއެސްއެސް ބަޓަން އާއި ޔޫއެސްއެސް ކާޓާ ހޯލްއެވެ. ބަހްރައިންގައި ހުންނަ އެމެރިކާ ކަނޑުގެ ސިފައިންގެ 5 ވަނަ ފްލީޓުން މިކަމާ ގުޅޭ ގޮތުން ބުނީ މިއީ "ބޮޑު ފްލެކްސިބިލިޓީއަކާއި ކަނޑުގެ ގާބިލްކަން" އިތުރު ކުރުމަށް އެސަރަހައްދަށް ފޮނުވި ދެމަނަވަރު ކަމަށެވެ.

"މި ޑިޕްލޮއިމަންޓަކީ (ރުކުރުވާލުމަކީ) އީރާނުން ކުރާ އުނދަގޫތަކާއި ވިޔަފާރި އުޅަނދުތައް އަތުލައިގަތުމަށް އުފައްދާ ހަރަކާތްތައް ހުއްޓުވައި، ސަރަހައްދީ ފިތުނަތައް ކުޑަކުރުމަށް ހިންގުނު ރުކުރުވާލުމެއް" ތަރުޖަމާން ސީޑީއާރު ޓިމް ހޯކިންގސް ވިދާޅުވިއެވެ.

ޔޫއެސްއެސް ބަޓަން އަކީ ފިކްސްޑް ވިންގް އެއާކްރާފްޓްތަކާއި ހެލިކޮޕްޓަރުތަކާއި ލޭންޑިން ކްރާފްޓްތައް އުފުލޭ އެމްފިބިއަސް އެސޯލްޓް މަނަވަރަކެވެ.