ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަން ރޯކޮށްލައިފިއެވެ.

މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޯކޮށްލުމުގެ ސަބަބުން އެތަނުގައި ހުރި ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތަނުގެ ބޮޑުބައެއް އެއްކޮށް ވަނީ އަނދާފައެވެ. އެރަށުގައި މިތަން ތައްޔާރުކުރަން އުޅުނު ފަރާތްތަކުން ވަރަށް ދަންވަންދެން ތަނުގެ މަސައްކަތްތައް ކުރަން އުޅެ ނިންމާލާފައި ގެއަށް ދިޔައީ ލަސްވިފަހުން ކަމަށާއި ތަނުގައި ރޯކޮށްލާފައި ވަނީ ފަތިހުގެ ވަގުތެއްގައި ކަމަށްވެއެވެ. އަލިފާންގަނޑު އެކީ ނިއްވާލެވުނު އިރު 5:30 ހާއިރު ވެދާނެކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ.

މިހާދިސާއާ ގުޅޭ ގޮތުން "ހަލި" ނޫހަށް ފުލުހުން މައުލޫމާތު ދިން ގޮތުގައި މަޑަވެލީގައި އެމްޑީޕީ ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ތަން ރޯކޮށްލިކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 05:34 ހާއިރުގައި ކަމަށާއި އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާ ލިބިފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކެމްޕޭން ދަތުރުފުޅުތަކުގެ ތެރެއިން ހުވަދު އަތޮޅަށް ރައީސް ސާލިހު ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު 9:00 ގައި މަޑަވެއްޔަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް މިވަގުތު އެމަނިކުފާނު ހުންނެވީ ކާޑެއްދޫގައެވެ.