ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގދ. މަޑަވެލީ ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތް ރަސްމީގޮތުން ހުޅުއްވައިދެއްވައި އެރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

މި މަޝްރޫއުތައް އިފްތިތާހު ކޮށްދެއްވީ ރައީސް މިހާރު ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެެވެ.

މަޑަވެލީގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްކޮށްފައި ވަނީ ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

ހަމައެއާއެކު ޞިއްޙީ މަރުކަޒަށް އިތުރުކުރި އިމާރާތަކީ 3 އޯޕީޑީ ރޫމާއި ލެބޯޓްރީއާއި އީ.އާރު އާއި ރިސެޕްޝަން އަދި ވެއިޓިންގ ރޫމާއި ޑްރެސިންގ އެންޑް އިޖެކްޝަން ރޫމް ހިމެނޭހެން، އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫއުއެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުންނެވެ.