މަަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އަލުން އަނބުރާ މުޖުތަމައަށް ގެނައުމަށް، ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިކަވަރީ ވިޖެލުތަކެއް ގާއިމުކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
އެމްޑީޕީގެ މެނިފެސްޓޯ އިފުތިތާހުކޮށްދެއްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުލްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. މެނިފެސްޓޯ އިފްތިތާހުކޮށްދެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާގައެވެ.
މި މެނިފެސްޓޯ ބަހާފައިވަނީ ފަސް ސިޔާސަތެއްގެ މައްޗަށެވެ. އެއީ އުފާވެރި ދިރިއުޅުން، އަމާން މުޖުތަމައު، ޒުވާނުންގެ އާޖީލު، އިގުތިސާދީ ބޮޑު ބަދަލު އަދި ހެޔޮވެރިކަމެވެ. ރޭ އިފުތިތާހުކޮށްފައި ވަނީ އުފާވެރި ދިރިއުޅުމުގެ ސިޔާސަތު އެކަންޏެވެ.
އެ ސިޔާސަތުގެ ދަށުން މައިގަނޑު ތިން ބައެއް ހިމަނާފައިވެއެވެ. އެއީ ދުޅަހެޔޮ ބަދަހި މުޖުތަމައު، އުފެއްދުންތެރި ފުދުންތެރި ޖީލު އަދި ޝާމިލު އޯގާތެރި ރައްޔިތުންނެވެ.
ސިއްހީ ނިޒާމަށް ގެންނަ ބަދަލުތައް ހިމަނާފައިވަނީ ދުޅަހެޔޮ ބަދަހި މުޖުތަމައުގެ ދަށުން އެކުލަވާލާފައިވާ "ފެންވަރު ކަށަވަރު ސިއްހީ ހިދުމަތަށް އިތުބާރު"ގެ ނަމުގެ ސިޔާސަތުގައެވެ.
އެ ސިޔާސަތުގެ ދަށުން ކުރިއަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި މަސްތަށް ދެވި ހިފާފައިވާ ފަރާތްތައް ފަރުވާއަށް ފަހު އަނބުރާ މުޖުތަމައަށް އަންނައިރު އެ މީހުންނަކީވެސް ގަދަރުވެރިކަމާއެކު ދިރިއުޅުމަށް ތައްޔާރުވެފައިވާ މީހުންނަށް ހެދުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ސިޔާސަތެއްގެ ގޮތުގައި ހިމަނާފައިވެއެވެ.
އެކަން ކުރުމަށް މަސްތަށް ދެވިހިފާފައިވާ ފަރާތްތައް އަނބުރާ މުޖުތަމައުއަށް އައުމަށް ބޭނުންވާ ހުރިހާ ހިދުމަތަކާއި ފަރުވާއެއް އަދި ދިރިއުޅުމުގެ ހުނަރާއި ތައުލީމާއި ތަމްރީނު އެއްތަނަކުން ލިބޭނެގޮތަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިކަވަރީ ވިލެޖް ގާއިމުކުރުމަށް މެޖިފެސްޓޯގައި ހިމަނާފައިވެއެވެ.
ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމްކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާ އެހެން ކަންކަން:
- ނެޝެނަލް ހެލްތް ސާވިސް ގާއިމުކޮށް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތްދޭ ފަރާތާއި ހިދުމަތް ރެގިއުލޭޓްކުރާ ފަރާތްވަކިވާ، ފެންވަރު އެކަށައެޅޭ ނިޒާމެއް ގާއިމުކުރުން
- ސަރަހައްދީ ފެންވަރުގައި ލިބެން ހުންނަ ހިދުމަތްތައް ރަށު ފެންވަރުގައި ލިބޭނެ ގޮތަށް (ކެއާ ކޯޑިނޭޝަން) ނިޒާމު ގާއިމުކުރުން
- ސިއްހީ ހިދުމަތުގެ މިންގަނޑުތައް (ސްޓޭންޑާޑްތައް) ކަނޑައެޅި ސިއްހީ ފަރުވާ ދިނުމުގައި އަމަލުކުރަންޖެހޭ އުސޫލު (ކްލިނިކަލް ޕާތުވޭ) ހެދުން. މިއާއެކު ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރު އެކަށައެޅޭ ނިޒާމު ހަރުދަނާވާނެ
- ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ދަރަޖަ ކުރެވިފައިވާ މިންގަނޑު މުރާޖައާކޮށް، އާ ހިދުމަތްތައް އެކުލެވޭހެން ސިއްހީ ހިދުމަތްދޭ މަރުކަޒަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ދަރަޖަ ކުރެވޭ މިންގަނޑާ އެއްވަރަށް ފޯރުކޮށްދޭނެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ކޮންސިއުމަބަލްސް އަދި ބޭސް ސަރަހައްދީ ގުދަންތަކުގައި ގުދަންކުރެވި ދެމެހެއްޓިނިވި ގޮތެއްގައި ޑިސްޓްރިބިއުޓް ކުރާނެ.
- ނެޝެނަލް ބަޔޮމެޑިކަލް އިކުއިޕްމަންޓް ސެންޓަރެއް ގާއިމުކޮށް، އިކުއިޕްމަންޓް ހާމަނައިޒްކޮށް، އާލާތެއް ހަލާކުވެއްޖެނަމަ ސާވިސް ސެންޓަރުން ރިޕެއާކުރެވޭ އިރު، އެހެން އާލާތެއް ބޭނުން ކުރެވޭގޮތަށް ބެކްއަޕް ހަމަޖެހޭނެ
- ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ މެޑިކަލް ސްކޫލް ފުޅާކޮށް، ސްޕެޝަލިސްޓް ދާއިރާތަކުން ރާއްޖެ އާއި ރާއްޖެއިން ބޭރުން މީހުން ތަމްރީނުކުރާނެ
- ބަލިން ރައްކާތެރިކުރުވުމަށްޓަކައި، އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއެކު މީހުން ހޭލުންތެރިކުރުވައި، ސްކްރީނިން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖެނެރަލް ޕްރެކްޓިޝަނާސް ކްލިނިކްތައް ގާއިމުކޮށް، ފެމިލީ ހެލްތް ވޯކަރުންގެ މަސްއޫލިއްޔަތު ފުޅާކޮށް، ރަށުގެ އެންމެންގެ ސިއްހީ އަދި ނަފުސާނީ ހާލަތު ވަޒަންކުރެވި ދުޅަހެޔޮކަން ކަށަވަރު ކުރާނެ
- އާންމު ސިއްހަތު ކުރިއެރުވުމަށް ސިއްހަތަށް ފައިދާހުރި ކާނާ ހެއްދުމަށް އިންސެންޓިވައިޒް ކުރާނެ ގައިން ގަޔަށް ނާރާ ބަލިތައް މެދުވެރިވުމަށް ދިމާވާ ސަބަބުތައް ދެނެގަނެ، ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ކެންސަރު، ކިޑްނީގެ ފަރުވާ، ޑިމެންޝިއާ އަދި ތެލެސީމިއާ ފަދަ ބަލިތަކަށް ހާއްސަ ސަމާލުކަމެއްދީގެން ފަރުވާގެ ނިޒާމު ވަރުގަދަ ކުރާނެ
- ކުޑަކުދިންނަށްދޭ އޮޕްޝަނަލް ވެކްސިން އާސަންދައިގެ ތެރޭގައި ހިމެނިގެންދާނެ
- ނެޝެނަލް ބްލަޑް ބޭންކެއް ގާއިމުކޮށް، އެއް ސިއްހީ ހިދުމަތްދޭ މަރުކަޒު އަނެއް ސިއްހީ ހިދުމަތްދޭ މަރުކަޒާ ގުޅޭހެން ކޯޑިނޭޓެޑް ނިޒާމެއްގެ ތެރެއިން ލޭ ފޯރުކޮށްދޭންޖެހޭ ހާލަތްތަކުގައި އެ ހިދުމަތްދޭނެ
- އިންފާޓިލިޓީ ފަރުވާއަށް ބޭނުންވާ ސްޕެޝަލިސްޓް ހިދުމަތްތައް ގާއިމުކޮށް، އިންފާޓިލިޓީ ޓްރީޓްމަންޓްގެ ކަވަރޭޖް ބޮޑުކުރާނެ
- ރާއްޖެއިން ލިބެން ނެތް ސުޕަސްޕެޝަލިސްޓް ހިދުމަތްތައް، ރާއްޖެއިން ބޭރުން ޓެލެކޮންސަލްޓޭޝަން މެދުވެރިކޮށް ހޯދައިދީ އެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދޭނެ
- މުސްކުޅިވުމުން ދާންމަތިވާ ފަރާތްތަކުގެ ތެރެއިން ސިއްހީ އެހީތެރިއެއްގެ އެހީ ބޭނުންވާ ފަރާތްތަކަށް މުސްކުޅިންނަށް ހާއްސަ ފަރުވާ (ޖެރިއަޓްރިކް ކެއާ) ގެ ހިދުމަތް ތައާރަފުކޮށް، ޓާމިނަލް އިލްނަސްގައި އުޅޭ ފަރާތްތަކަށް ދާއިމީ ފަރުވާ (ޕެލިއަޓިވް ކެއާ) ގެ ހިދުމަތް ފޯރުކޮށްދޭނެ
- އެއްގަމާއި ކަނޑާއި ވައިގެ ޒަރީއާއިން އަވަސްފަރުވާ ދެވޭނެ ވަސީލަތް ގާއިމުވެ، ގާބިލު ޕެރަމެޑިކްސްގެ އެހީތެރިކަން ލިބިގެންދާނެހެން އިމަޖެންސީ ހިދުމަތް ގާއިމްކުރާނެ. މީގެ ތެރޭގައި އާބާދީ ބޮޑެތި ސަރަހައްދުތަކުގައި މޮޓޯސައިކަލް ޕެރަމެޑިކްސް ތައާރަފު ކުރާނެ.
- މޮބައިލް ލެބޯޓްރީގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި މިހާރު ޓެސްޓްކުރެވިފައިވާ ޑްރޯން ބޭނުންކޮށްގެން ސާމްޕަލް ޓްރާންސްފާ ކުރުމުގެ ނިޒާމު ފުޅާކޮށް، މި ނިޒާމުގެ ތެރެއިން، ތަހުލީލުގެ ނަތީޖާ ލިބެން ނަގާ ވަގުތު ކުޑަވެ، ފަރުވާ އަވަސްކުރެވޭނެ.
- ނަފްސާނީ ސިއްހަތާއި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފޯރުކޮށްދޭ ހިދުމަތްތަކާއެކު، މެންޓަލް ހެލްތްގެ ގާނޫނު ވުޖޫދުވެ، ގައުމީ ފެންވަރުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގައި، އެމީހަކު ހުރި ހިސާބަކުން ޕްރައިމެރީ ހެލްތް ކެއާގެ ނިޒާމުގެ ތެރެއިން ނަފްސާނީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ
- ނަފްސާނީ ސިއްހަތާއި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފޯރުކޮށްދޭ ހިދުމަތްތަކާއެކު، މެންޓަލް ހެލްތްގެ ގާނޫނު ވުޖޫދުވެ، ގައުމީ ފެންވަރުގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގައި، އެމީހަކު ހުރި ހިސާބަކުން ޕްރައިމެރީ ހެލްތް ކެއާގެ ނިޒާމުގެ ތެރެއިން ނަފްސާނީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ
- އާބާދީގެ ކޮންމެ 1000 މީހަކަށް ތަމްރީނު ލިބިފައިވާ އިޖުތިމާއީ އެހީތެރިއެއް ހުންނާނެ. މި އިޖުތިމާއީ އެހީތެރިޔާ މެދުވެރިކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ އެހީތެރިކަންފޯރުކޮށްދޭނެ
- ނަފްސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ފޯނު މެދުވެރިކޮށް ޓެލެމެޑިސިން ކްލިނިކް އަދި ޅައުމުރުފުރާގެ ކުދިންނަށް ހާއްސަކޮށް އެޑޮލެސެންޓް ކްލިނިކް ތައާރަފްކޮށް، ސަރަހައްދީ ކޯޑިނޭޓަރުންގެ އެހީއާއެކު އައުޓްރީޗް ކްލިނިކްތަކުން ނަފްސާނީ އެހީ ފޯރުކޮށްދޭނ
- ނަފްސާނީ ބަލި ތަހައްމަލުކުރާ ފަރާތްތަކުގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ޓާޝަރީ ހޮސްޕިޓަލްތަކުގައި އެކިއުޓް ޔުނިޓެއް ގާއިމްކުރާނެ
- އާއްމު ސިއްހަތަށް އިސްކަންދީ، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ރެގިއުލޭޓްކުރެވިގެން ފިޓްނަސްގެ ދާއިރާ ހިންގޭނެ
- އާސަންދައަކީ ފުރިހަމަ އިންޝުއަރަންސްގެ ނިޒާމަކަށް ބަދަލުކުރެވޭނެ. ހިދުމަތްތައް ސްޓޭންޑަޑައިޒްކުރެވި، އިންޝުއަރަންސްގެ ނިޒާމު ފުރިހަމަވުމުން އަތުން ކުރަންޖެހޭ ހަރަދު ކުޑަކުރެވޭނެ
- ހުރިހާ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި ބޭނުންކުރާ ސިއްހީ ހިދުމަތަށް ބޭނުންވާ ލިޔެކިޔުން އުފުލަން ނުޖެހޭހެން ޑިޖިޓައިޒްޑް ރައްކާތެރި ނިޒާމެއް ގާއިމުކުރާނެ
- ކެޓް ޝެލްޓަރެއް ކްލިނިކަލް ހިދުމަތްތަކާއެކު ގާއިމުކުރާނެ
- މަސްތުވާތަކެއްޗާއި ދުރުކުރުމަށް މުޅި ރާއްޖޭގައި ނޭޝަން ވައިޑް ޕްރިވެންޝަން ޕްރޮގްރާމް ހިންގާނެ
- މަސްތުވާތަކެތީގެ ބައްޔަށް ދެވޭ ފަރުވާއަކީ ފެންވަރު އެކަށައެޅިގެން ދެވޭ ފަރުވާއެއްކަން ޔަގީންކުރުމަށް ރެގިއުލޭޓަރީ އިދާރާ އާއި ފަރުވާގެ ނިޒާމު ވަކިކުރާނެ
- މަސްތުވާތަކެތީގެ ބައްޔަށް ފަރުވާދޭ މަރުކަޒުތަކަކީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ލައިސަންސް ދެވިގެން ހިންގޭ މަރުކަޒުތަކަށް ހަދާނެ
- ޕްރައިވެޓް-ރިހެބިލިޓޭޝަން ނިޒާމު ތައާރަފްކުރާނެ
- ކޮމިއުނިޓީބޭސްޑް ކެއާ ތައާރަފްކޮށް، ސެލްފް-ހެލްޕް ގްރޫޕްތައް އެކުލަވާލައި، އެހީތެރިކަން ބޭނުން ކޮންމެ މީހަކަށް، އެމީހަކު ހުރި ތަނަކުން މަސްތުން ސަލާމަތްވުމަށް އެހީތެރިކަންދޭނެ
- އަަމިއްލައަށް އެދޭ ކޮންމެ ފަރާތަކަށް ފަރުވާ ޔަގީންކޮށް، ވޯކް-އިން ކްލިނިކްސް/ ޑްރޮޕް-އިން ސެންޓާސް ތައާރަފްކުރާނެ
- އާންމު ސިއްހަތުގެ ނިޒާމުގެ ތެރެއިން މެޑިކަލީ އެސިސްޓެޑް ޓްރީޓްމަންޓް ފުޅާކޮށް، އެމީހަކު ހުރިތަނަކުން ފަސޭހަކަމާއެކު ފަރުވާދޭނެ
- ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމަކީ ފޭސްޑް ޕްރޮގްރާމެއްގެ ބަދަލުގައި އިންޑިވިޖިއުލައިޒްޑް ޕްލޭނެއްގެ ދަށުން ފޯރުކޮށްދޭ ފަރުވާއަކަށް ބަދަލުކޮށް، ފަރުވާގެ ތެރޭގައި ތައުލީމާއި ތަމްރީނާއި ދިރިއުޅުމުގެ ހުނަރާއި އާމްދަނީ ހޯދުމުގެ ފުރުސަތުތައް ހިމަނައި ކޮމިއުނިޓީ ރީ-އިންޓަގްރޭޝަން ސަޕޯޓާއިއެކު ވަށާޖެހޭ ޕްރޮގްރާމަކަށް ހަދާނެ