ރާއްޖޭގެ ޞިއްޙީދާއިރާ ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން ވަރަށް ބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަންތައް ކުރަންފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިޔަށްގެންދާ، "ކާޑިއަކް ވޯކްޝޮޕް 2023" ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މީގެއިތުރުން ވިދާޅުވީ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަދި ޚާއްޞަކޮށް އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިގޮތުން ޞިއްޙީ ފަރުވާއަށް ބޭނުންވާ ވަޞީލަތްތައް އިތުރުކޮށް ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައިފައިވެއެވެ. އަދި ރާއްޖެއަށް ޞިއްޙީ ދާއިރާއިން ހޯދެމުން އަންނަ ކުރިއެރުންތަކުގައި، އައު ޓެކްނޮލޮޖީއާއެކު މަތީފެންވަރުގެ ޚިދުމަތްތަކާއި ފަރުވާތައް ތަޢާރަފްކޮށް ޞިއްޙީދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުންކޮށްފައިވާ މަސައްކަތްތަކާއި ޙާޞިލްކޮށްފައިވާ ކާމިޔާބީތައް ނައިބު ރައިސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ފެންވަރުގެ ވަޞީލަތްތަކާއި އެކު ޞިއްޙީ ދާއިރާއިން ތައްޔާރުވާން ޖެހޭ ކަމަށާއި އަދި ހަމައެގޮތަށް ޞިއްޙަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާއި މެދުވެސް ވިސްނަންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޙާލަތަށް ބަލައި އާއްމުން ހޭލުންތެރިކަން އިތުރުކޮށް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން ޖެހޭކަންވެސް ފާހަގަކުރެއްވިއެވެ. އަދި އެކަމަށް އާއްމު ޞިއްޙަތާއި ނަފްސާނީ ޞިއްޙަތަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކޮށްދެއްވުމަށްވެސް އެދިވަޑައިގަތެވެ.

މިރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ، އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ "ކާޑިއަކް ޕޭޝަންޓް ހޭންޑް ބުކް" ނެރެދެއްވާފައެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން ބާއްވާ "ކާޑިއަކް ވޯކްޝޮޕް 2023" ގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ހިތުގެ ބަލިތަކާއި ފަރުވާތަކާއި ގުޅޭ ގޮތުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި، ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ޞިއްޙީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީ، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހިތުގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ، 08 އޮގަސްޓް 2018ގައި، އޭޑިކޭ ހޮސްޕިޓަލްގައެވެ.