ކުށުގެ ވެށީގެ ނުރައްކާ ކުޑަކޮށް ނިމިގެންމިދާ ފަސް އަހަރަކީ އެންމެ ކުށްމަދު ފަސް އަހަރަށް މި ސަރުކާރުން ހަދައިދީފައިވާ ކަމަށް އެމްޑިޕީގެ ރިޔާސީ ކެންޑިޭޓް އަދި ރާއްޖޭރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ގދ. ނަޑެއްލާއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލިކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިވާހަކަފުޅުގައި ރައީސްސާލިހު ވިދާޅުވީ ކުށް މަދު ކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށެވެ.

"ކުށުގެ ވެށިން ދުރުވާންޖެހޭ. 2018އިން ފެށިގެން-2023 އަށް މިއީޗއެންމެ ކުށް މަދު ފަސް އަހަރު. ކުރިއަށް އޮތް ތަނުގައި މިކަން މިގޮތަށް އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވަނީ ދައުލަތުގެ ހިންގުމުގެ ނިޒާމު ބަދަލުކޮށް، ލާމަރުކަޒީ ނިޒާމު ތައާރަފުކޮށް ކައުންސިލްތައް ބާރުވެރިކުރުވާފައި ކަމަށެވެ. ހަމައެހެންމެ މި ސަރުކާރުން ކަންކަމުގައި ސިޔާސަތުތައް އެކުލަވާލަނީ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން ބޭނުންވާ ކަންކަން އަޑުއެހުމަށްފަހުގައިކަމަށެވެ.

ކުރީގެ ހުރިހާ ސަރުކާރުތަކުން ވަނީ ތައުލީމުގެ ސިޔާސަތަށް އިހުމާލުވެފައިކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުން ވަނީ އެކަން މާޒީ ކޮށް، ހިލޭ ޑިގްރީ ތައާރަފުކޮށްފައި ކަމަށެވެ. ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެނަމަ، ނަޑެއްލާ ވޮލީ ކޯޓުގައި ޓާފު އަޅައިދެއްވާނެ ކަމަށާއި އަދި ބިން ހިއްކައި ހައުސިން މަޝްރޫއު ހިންގައި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރައްވަމުންދާ ދަތުރުފުޅުޅުގައި މިހާރު ވަޑައިގެންއުޅުއްވަނީ ހުވަދު އަތޮޅުގެ އެކި ރަށްތަކަށެެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސްސާލިހު ހުށަހެޅުއްވި ކެންޑިޑެސީ ފޯމު އީސީން ވަނީ ބަލައިގެންފައެވެ. މިއަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާ އަށް ބޭފުޅުންގެ މެދުގައި ގުރުއަތު ލުން އޮންނާނީ މާދަމާ ހަވީރު 4:30 ގައެވެ.