ރޭގެ ވަގުތެއްގައި ހައްޔަރުކުރި، ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ މެންބަރު އަދި ދ. ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަޙްމަދު މަޢުރޫފު ދޫކޮށްލައިފިއެވެ.

ފުލުހުންގެ ބަންދުގައި 24 ގަޑިއިރު ބެހެއްޓުމަށް ފަހު، މިއަދު މެންދުރުފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކުޑަހުވަދޫ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ މައުރޫފް ދޫކޮށްލާފައެވެ.

ރޭގެ ވަގުތެއްގައި މަޢުރޫފް ހައްޔަރުކުރީ އަމިއްލަ ގޭގައި ހުންނަވައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ދެކޮޅަށް ޝުއޫރު ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ.

މައުރޫފް ހައްޔަރުކޮށްފައިވަނީ އަމިއްލަ ގޭގެ ޓެރެސްގައި, މައިކް އަކާއި ތާޅަފިއްޔެއް ބޭނުންކޮށްގެން، ކުޑަހުވަދޫ އަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިއްޔެ ކުރެއްވި ދަތުރުފުޅާ ގުޅުވައި ޝުއޫރު ފާޅުކުރަމުން ދަނިކޮށެވެ. މައުރޫފު ހައްޔަރުކުރި ކުރުން ކުށްވެރި ކޮށް ދަ ޑިމޮކްރެޓްސްއިން ވަނީ ބަޔާނެއްވެސް ނެރެފައެވެ.

މަޢުުރޫފް ހައްޔަރުކުރުމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު އަމަލުކުރައްވަނީ ގާނޫނުގެ އިމުން ބޭރުން ކަމަށެވެ.