ޖުމްހޫރީ ޕާޓީ(ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ ރިޔާސީ މެނިފެސްޓޯ މާދަމާރޭ ލޯންޗް ކުރަން ނިންމައިފިއެވެ.

މިކަން ހާމަ ކުރައްވައިފައިވަނީ، ޤާސިމްގެ އިންތިޚާބީ އެޖެންޓް ޢަލީ ވަޙީދެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤައުމީ ކެންޑިޑޭޓް ޤާސިމްގެ ރިޔާސީ މެނިފެސްޓޯ މާދަމާރޭ 9 ޖަހާއިރު ލޯންޗް ކުރެވޭނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަނީ، ރައްޔިތުން އޭނާ އެއްބުރުން ހޮވާނެ ކަމުގެ އުއްމީދުގައި ކަމަށް ޤާސިމް މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި ވެރިކަން ލިބިވަޑައިގެންފިނަމަ، ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ބޭނުންވާ ބަލި މީހާއާއި އޭނާގެ އެހީތެރިޔާގެ ހުރިހައި ޚަރަދެއްވެސް އާސަންދަ އިން ކުރާ ގޮތަށް ހަމަޖައްސައިދޭނެ ކަމަށާއި ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެމުން ގެންދާ އިނާޔަތަށް ބަދަލު ގެނެސް މިހާރު ދެމުންދާ އިނާޔަތް ބޮޑު ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވައިފައެވެ.

އަދި މިހައިތަނަށް ބައެއް ވަޢުދުތައް ކެމްޕެއިން ޖަލްސާތަކުގައި ވެސް ވަނީ އިޢުލާނު ކުރައްވައިފައެވެ.

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައިި ވާދަ ކުރެއްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއެވެ. އަދި އެމަނިކުފާނުގެ ރަނިންގ މޭޓަކީ އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމްއެވެ.

މިއީ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން 2008، 2013، 2018 ގެ އިންތިޚާބުގައިވެސް ވަނީ ވާދަކުރައްވާފައެވެ.