މިސީޒަނުގައި ރަނގަޅު ފޯމެއްގައި އޮތް އެސްޓަންވިލާގެ ސީނިއަރ ޓީމު ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީވެ، މިރޭ އެފްއޭ ކަޕް ތިންވަަނަ ބުރުގައި ވަރުގަދަ ލިވަޕޫލާ ދެކޮޅަށް ނެރޭނީ ތޭވިސް އަހަރުން ދަށުގެ ޓީމު ކަމަށް އެކްލަބުން ބުނެފިއެވެ.
ސީނިއަރ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނޭ ބައެއް އޮފިޝަލުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ މިރޭ ލިވަޕޫލާ ދެކޮޅަށް އިރުޝާދު ދޭނީ ސީނިއަރ ޓީމުގެ ކޯޗް ޑީން ސްމިތުގެ ބަދަލުގައި ތޭވިސް އަހަރުން ދަށުގެ ޓީމުގެ ކޯޗް މާކް ޑިލަނީއެވެ.
އެސްޓަންވިލާއިން ވަނީ މިސީޒަނުގައި ޕްރިމިއަރ ލީގުގައި ލިވަޕޫލާ 7-2 އިން ބަލިކޮށް ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލާފައެވެ. މީގެ އިތުރުން އެސްޓަންވިލާއިން ވަނީ މިސީޒަނުގައި އާސެނަލް އާއި ލެސްޓަރ ސިޓީ ބަލިކޮށްފައެވެ. ޗެލްސީއާ އެއްވަރު ކޮށްފައިވާއިރު މެން.ޔުނައިޓެޑް އަތުން ބަލިވީ މައްސަލަ ބޮޑުވި ޕެނަލްޓީއަކަށްފަހު 2-1 އިންނެވެ.
އެސްޓަންވިލާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި މިވަނީ ތޭވިސް އަހަރުން ދަށުގެ ޓީމުގައި އެކްލަބުގެ އެކަޑަމީގެ ބައެއް ކުޅުންތެރިން ހިމެނުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.
ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފައި ވަނީ އެކްލަބުގައި މިވަގުތު ކޮރޯނާ ވައިރަހުގެ އެއްވެސް ކޭހެއް ނެތް ކަމަށެވެ. "އެކަމަކު އެންމެފަހުން ނެގި ސާމްޕަތަކުގެ ނަތީޖާ އަދި ނުލިބޭތީ ހާލަތު އެހެން ގޮތަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް" ކްލޮޕް ބުންޏެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން އިނގިރޭސި ކަޕް މެޗުތަކުގެ އިތުރުން ލީގް މެޗުތަކަށްވެސް ވަނީ ބޮޑު އަސަަރެއް ކޮށްފައެވެ. މިގޮތުން ލީގް ބައެއް މެޗުތައް ވަނީ ކެންސަލްވެސް ކުރަން ޖެހިފައެވެ.
އެސްޓަންވިލާ އާއި ލިވަޕޫލް ބައްދަލު ކުރާ މެޗް ފެށުމަށް ހަމަޖެހިފަިއ ވަނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:45 ގައެވެ.
-ގޯލް.ކޮމް-