ޔުގެންޑާއަށް ދޫކުރުމަށް ހަމަޖެހިފައި ހުރި ލޯނުތައް ދޫނުކޮށް މިވަގުތަށް މަޑު ޖައްސާލާފައި ވަނީ އެއްޖިއްސުން ގުޅުން ހިންގުމަކީ ކުށެއް ކަމަށް ޔުގެންޑާ ޤާނޫނު އަސާސީގައި ކަނޑައެޅުމުގެ ސަބަބުން ކަމަށް ވަރލްޑް ބޭންކުން ބުނެފިއެވެ.

މިކަމާ ގުޅިގެން ވަރލްޑް ބޭންކުން އިއްޔެ ނެރެނު ބަޔާނެއްގައި ބުނީ ޔުގެންޑާގެ ޤާނޫނު "އިސްލާހް" ކުރުމުން ނޫނީ ލޯނު ދޫކުރުން ދެން މުރާޖާ ނުކުރާނެ ކަމަށެވެ.

"ޔޫގަންޑާގެ އެންޓި ހޯމޯސެކްޝަލިޓީ ގާނޫނަކީ އަސާސީ ގޮތުން ވޯލްޑް ބޭންކް ގްރޫޕްގެ އަގުތަކާ ފުށުއަރާ ގާނޫނެއް،" ވަރލްޑް ބޭންކުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ވަރލްޑް ބޭންކުން ޔުގެންޑާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާއިރު، އެއްޖިންސުން ގުޅުން ހިންގުމާ ދެކޮޅަށް ޤާނޫނު ފާސް ކުރުމުން މިދިޔަ ޖޫން މަހު އެމެރިކާއިން ވަނީ ޔުގެންޑާގެ އޮފިޝަލުން ދަތުރުފަތުރު ކުރުމަށް ހުރަސް އަޅާފައެވެ.

ޔުގެންޑާގެ ޤާނޫނު ބުނާ ގޮތުން އެއްޖިއްސުން ގުޅުން ހިންގުމަކީ މަރުގެ އަދަބު ދެވޭނެ ކުށެކެވެ. މިޤާނޫނުގެ ދަށުން، އެއްޖިއްސުން ގުޅުން ހިންގުމަށް ހިތްވަރުދީ އެކަން ޕްރޮމޯޓް ކޮށްފިނަމަ 20 އަހަރު ދުވަހަށް ޖަލަށް ލެވޭނެއެވެ.

ޤާނޫނު ދިފާއު ކުރައްވައި ޔުގެންޑާގެ ރައީސް ޔޯވެރީ މުސެވެނީ ވިދާޅުވީ އެއްޖިއްސުން ގުޅުން ހިންގުމަކީ ކުރިމަތިވެފައިވާ ބަލިމަޑުކަމެއް ކަމަށާއި އެޗްއައިވީފަދަ ގައުމު ފަނާވެ ހިނގައިދާނެ ބަލިތަކުން ރައްކާތެރިވެވެން އޮތީ މިކަމަށް ހަރުކަށި އަދަބު ދީގެން ކަމަށެވެ.