ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ޖަލުން ނެރެން ބައިނަލްއަޤުވާމީ ލޯޔަރުން ގެނެސްގެން މަސައްކަތް ކުރައްވާނެ ކަމަށާއި ޖަލުން މީހުން ނެރެން ފައްކާކޮށްފައި އޮތް ނިޒާމެއް އޮންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެެހެން ވިދާޅުވީ ދަ ޑިމޮކްރެޓުސް ޕާޓީން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ހަގީގަތުގައި މީހުން ޖަލުން ނެރެން އެނގޭކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެކަން ރަހުމަތްތެރި ޕީޕީއެމްއަށް ކަށަވަރުކޮށްދެއްވާކަމަށެވެ.

އަދިވެސް އިތުރަށް ނަޝީދުގެ ވާހަކަފުޅުގައި އެމްއެމްޕީއާރުސީ ހިޔާނާތުގައި 273 މީހުން ހިމެނޭ ކަން ފާހަގަކުރައްވައި ވިދާޅުވީ ނަމަވެސް އެމައްސަލައިގައި ހަމައެކަނި ރައީސް ޔާމީނަށް ދައުވާކޮށް ޝަރީއަތް ކުރާތީ އެކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑަައިގަންނަވާ ކަމަށެވެ.

މިއާއެކު ނަޝީދު ވިދާޅުވީ މީހުން ޖަލުން ނެރުމަކީ އެމަނިކުފާނު އެމްޑީޕީގައި އުޅުއްްވިއިރު ފައްކާކޮށްފައިވާ "ނިޒާމެއް" ކަމަށާ، ރައީސް ޔާމީންވެސް ދާދި އަވަހަށް ޖަލުން މިނިވަން ވާނެ ކަމަށެވެ. އަދި ޔާމީން މިނިވަން ކުރުމަށްޓަކައި ޑިމޮކްރެޓުން ޕީޕީއެމާއެކު އިހުތިޖާޖުގައި ވެސް ބައިވެރިވާނެ ކަމަށާއި މަގުމަތީގައިވެސް ތިބޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް އިނގޭ ހަގީގަތުގައި މީހުން ޖަލުން ނެރެން. އެމްޑީޕީގައި އަޅުގަނޑުމެން އުޅުން އިރުގައި ފައްކާކޮށްފައި އޮތް ނިޒާމެއް އެއީ ޖަލުން ނެރުމުގެ ނިޒާމު. އަޅުގަނޑު އަޅުގަނޑުގެ ރަހްމަތްތެރި ޕީޕީއެމް މެންބަރުންނަށް ޔަގީންކޮށް އަރުވަން. އިރާދަކުރެއްވިއްޔާ ދެން ގިނަ ދުވަހަކު ރައީސް ޔާމީން ދެން ޖަލުގައި ނުހުންނަވާނެ. އަޅުގަނޑުމެން އިހްތިޖާޖުގައި ވެސް ބައިވެރިވާނަން. ތިބޭފުޅުންނާއެކުގައި މަގުމަތީގައިވެސް ތިބޭނަން. ބައިނަލްއަގްވާމީ ފަރާތްތަކާއެކުގައި ވާހަކަދައްކަންވެސް ދާނެ. އެކިއެކި ބައިނަލްއަގްވާމީ ވަކީލުން ދިވެހިރާއްޖެ ވަޑައިގެން ވަކާލާތުވެސް ކުރައްވާނެ. ރައީސް ޔާމީން އިރާދަކުރެެއްވިއްޔާ އަޅުގަނޑުމެން ޖަލުން ނެރޭނަން،"
ރައީސް ނަޝީދު

ނަޝީދު ވިދާޅުވީ ސަރުކާރަށް ޖެހޭނީ ރައީސް ޔާމިން މިހާރުން މިހާރަށް ދޫކޮށްލަން ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ބައިނަލްއަޤުވާމީ މުޖުތަަމައުގައިވެސް ރައީސް ޔާމީން މިނިވަން ކުރަން ދަ ޑިމޮކްރެޓުން ގޮވާލާނެ ކަމަށާއި ބައިނަލްއަޤުވާމީ ލޯޔަރުން ވެސް ރާއްޖެގެނެސް ރައީސް ޔާމިން މިނިވަން ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.