ރާއްޖޭގައި މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.

މި ލެބޯޓްރީ ހުޅުއްވައިދެއްވާފައިވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިއީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތްކަމާއި، ޞިއްޙީ ދާއިރާ ހަރުދަނާކޮށް އެއްވެސް މީހަކު ބާކީނުކޮށް އެންމެ ބޭނުންޖެހިފައިވާ މީހުނަށް އެ ބޭނުންތައް ފުއްދައިދިނުންކަމަށެވެ.އަދި މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ވިދާޅުވީ މި ލެބުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.ހަމައެއާއެކު ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި އެމަސައްކަތްތަކުން ޙާޞިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައިވެސް ވެއެވެ.

މި ލެބްއަކީ އިންޑިއާ ސަރުކާރުގެ އެހީއާއެކު،ޚާއްޞަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ޤާއިމްކޮށްފައިވާ ލެބެކެވެ.

މީގެކުރިން މި ހިދުމަތް ހޯދާ ފަރާތްތައް މިހިދުމަތް ހޯދަމުންދިޔައީ ރާއްޖެއިން ބޭރުންނެވެ.މިކަމުގެ ސަބަބުން ސަރުކާރުން ހޭދަކުރާ ޚަރަދުގެ 3 ގުނަ ސަލާމަތްކުރެވިގެންދާނެކަމަށް ނައިބު ރައިީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައިފައިވެއެވެ. އަދި މިފަދަ ވަޞީލަތް ބޭނުންވާ ފަރާތްތަކަށް އެންމެ އަވަސް މިނުގައި މިތަކެތި ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ބޭރު ސަރުކާރާއި އެހެނިހެން ފަރާތްތަކުން ވެދެއްވާ އެހީއަށް ނައިބު ރައީސް ޝުކުރުއަދާކޮށްފައިވެއެވެ.