އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔާގަން ސްޓޮކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑުކޮށް މަޝްވަރާކޮށްފައިވަނީ އިންޓަޕޯލްއާއި ދިވެހި ސަރުކާރާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ގޮތްތަކާ މެދުއެވެ.

މިކަމާ ގުޅިގެން ނައިބު ރައީސް ވަނީ ރާއްޖޭގެ ބޯޑަރު ސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް އިންޓަޕޯލްއިން ފޯރުކޮށްދޭ ތަޖުރިބާއާ ފަންނީ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

އަދި އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި އިންޓަޕޯލުން އެންމެ ފަހުން ކުރިއަށް ގެންދިޔަ ބައެއް މަސައްކަތްތައް ފާހަގަކުރައްވައި، އެކި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މެންބަރު ޤައުމުތަކުން ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެބޭފުޅުންގެ ވަނީ މަޢުލޫމާތު ޙިއްޞާކުރުމާއި ތަޢުލީމާއި ތަމްރީނުދިނުން ފަދަ ކަންކަމުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

ހަމައެއާއެކު އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އިންޓަޕޯލް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރީޖަނަލް ޕޮލިސް ޕާޓްނަޝިޕަށް ދެއްވާ ހިތްވަރު ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ދެން ފާހަގަކުރައްވާފައިވާކަމަކީ ކުށްމަދުކުރުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޤާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްކަށް އަލިއަޅުއްވާލާފައެވެ.އަދި މިކަން ކަމުގައި އިންޓަޕޯލްއިން ލިބެމުންދާ އެއްބާރުލުމަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރުވެސް ނައިބު ރައީސް އަދާކުރެއްވިއެވެ.