މި ފެށޭ ސެޕްޓެމްބަރު މަހުގެ ބާވީހުގަައި އެޕަލްގެ ފަނަރަ، އާ ފޯނުތައް އޯޑަރުދީފައިވާ ތަރުތީބުން މީހުންނާ ހަމައަށް ފޯރުކޮށްދެވޭނެކަމަށް ޓެކްހަބަރުތައް ބުނެފިއެވެ.

ސެޕްޓެމްބަރު ތޭރަ ވާ ބުދަ ދުވަހު އެޕަލްގެ މުވައްޒަފުންނަށް ޗުއްޓީ ނެގުން މަނާކަމަށް ހަބަރުތަކާއި ރިޕޯޓުތައް ބުނެއެވެ. އެއީ ސެޕްޓެމްބަރު ބާރަ ވަނަ ދުވަހު،"އައިފޯން 15 ނެރުން" އޮންނާތީ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެޕަލް ކުންފުނީގެ އެތެރޭގައި އަބަދުވެސް، ޕްރީ އޯޑަރާއި ލޯންޗް ކުރާ ދުވަސްތައް ބިޒީވާތީ ކަންކުރުން އޮންނަނީ މިއުސޫލުންނެވެ. އެޕަލްކުންފުނީގެ އުސޫލުތަކާއި ކަންއޮންނަ ގޮތަށް ބަލާއިރު މީޑިއާ ދައުވަތު ހަފުތާއެއްހާ ދުވަސް ކުރިން ފޮނުވާނެއެވެ. އެހެންކަމުން ފޯނު ނެރޭ ސީދާ ތާރީހު ނޭނގި ނޯންނާނެކަން އެންމެންވެސް ޔަގީން ކުރެއެވެ.

ސެޕްޓެމްބަރު 12 ވާ އަންގާރަ ދުވަހު، އެޕަލްގެ އަހަރީ އައިފޯން އިވެންޓް ބާއްވާއިރު، އޭގެ ދެތިން ދުވަސް ފަހުން 15 ވާ ހުކުރު ދުވަހު އެ ކުންފުނީގެ އާދައާ އެއްގޮތް ވާގޮތުގެ މަތިން އާ އައިފޯންތަކުގެ ޕްރީ އޯޑަރުތަކަށް ހުޅުވާލާނެ ކަމަށް ހާމަކޮށްފައިވާއިރު ބާވީސް ވާ ހުކުރު ދުވަހު އެ ފޯނުތައް ވެރިންނާ ހަމައަށް ހަވާލުކޮށްދެވޭނެ ކަމަށްވެސް ހަބަރުތައް ދަނީ ފެތުރެމުންނެވެ.

މިފަހަރުވެސް އަންނަ މަހުގެ ފުރަތަމަ ދެ ހަފުތާގައި އާންމުކޮށް އެޕަލްގެ އިވެންޓްތައް ބާއްވާ ގޮތަށް އިވެންޓްތައް ބާއްވާނެއެވެ. އަދި ހަމައެހެންމެ އަންނަ މަހުގެ ފަހުކޮޅު ކުންފުނީގެ މާލީ ކުއާޓަރު ނިމުމުގެ ކުރިން އާ އައިފޯންތައް ލޯންޗުކުރާނެއެވެ. މީގެ ބޭނުމަކީ މަހުގެ ފުރަތަމަ ކޮޅު މީހުންގެ ސަމާލުކަން ދަމައިގަތުމާއެކު މީހުންނަށް މުސާރަ ލިބޭ ވަގުތާ ފޯނުތައް ލޯންޗުކުރުމާ ދިމާކުރުމެވެ. އެގޮތުން މަހުގެ ފުރަތަމަ ކޮޅުވިޔަސް އަދި ފަހުކޮޅުވިޔަސް މުސާރަ ލިބޭ ފަރާތްތަކުގެ ތެރެއިން ފަރާތެއް ނުގެއްލި ބޮޑު އާމްދަނީއެއް ލިބޭނެތީއެވެ. މިގޮތަސް ކަންކުރުމަކީ އަބަދުވެސް އެޕަލްއިން ކަންކަން ކުރާގޮތެވެ.