އެމްޑީޕީ ކޯލިޝަންގެ މެނިފެސްޓޯ ގައި އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަށް ހަމަޖައްސާނެކަމަށް ބުނެ އިއުލާނު ކުރުމާ ގުޅިގެން ރާއްޖޭގެ ދީނީ އިލްމު ވެރިޔާ އަދި ޖަމިއްޔަތުއް ސަލަފްގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވެސް ކަންބޮޑުވުންފާޅުކޮށްފިއެވެ. ޝޭހު އަބްދުﷲ ވިދާޅު ވީ އިސްލާމް "އިނގިރޭސިކުރުމަކީ" ދިވެހިބަހަށް އިސްކަން ދޭން އޮންނަ ގާނޫނުގެ ރޫޙު މުގުރައިލުން ކަމަށެވެ.

ޝެއިހު އަބްދުﷲ މިހެން ވިދާޅުވީ އެކްސް.ކޮމް ގައި ކުރެއްވި ޓުވީޓެއްގައެވެ. ޓުވީޓުގައި ޝޭހު އަބްދުﷲ ވިދާޅުވީ ރާއްޖޭގައި ދިވެހިބަހުން ކިޔަވައިދޭ ދެ މާއްދާއިން އިސްލާމް "އިނގިރޭސިކުރުމަކީ" ދިވެހިބަހަށް އިސްކަން ދޭން އޮންނަ ގާނޫނުގެ ރޫޙު މުގުރައިލުން ކަމަށެވެ. އަދި މިހާރު ކިޔަވައިދެއްވާ އިސްލާމްޓީޗަރުންގެ ވަޒީފާ ގެއްލުވައިލުމަކީ އޭގެ އަނެއް ފަރާތުން ފެންނަ ކަންތައް ކަމަށްވެސް ޝެއިހު ވިދާޅުވިއެވެ.

އިސްލާމް އިނގިރޭސިން ކިޔަވައިދޭން ފެށުމުން އިސްލާމް ކިޔަވައިދިނުމަށް ގެންނާނީ ބިދޭސީން ކަމަށާއި، އޭގެ ތެރޭގައި އާމިނާ ވަދޫދު،ލަތީފް ފަދަ އޮރިއެންޓަލިސްޓުންނާއި އައިރު މުސްލިމުންވެސް ހިމަނައިފާނެ ކަމަށް ޝައިހު އަބްދުﷲ ވިދާޅުވިއެވެ.

ގުރުއާން މާއްދާއަށްވެސް އެމްޑީޕީ ކޯލިޝަނުން މިހިނގާ ދައުރުގައި ހަދާފައި އެއޮތީ އެފަދައިން ކަން ފާހަގަ ކުރައްވައި ޝޭހު ވިދާޅުވީ ގުރުއާންޓެސްޓު އުވާލައި، އެމާއްދާގެ އަހައްމިއްޔަތުކަން ވަނީ ގެއްލުވާލައިފައި ކަމަށެވެ.

އެ މެނިފެސްޓޯގެ ދަށުން "މާދަމާގެ މީހާ މިއަދު" ގެ ނަމުގައި އާންމުކުރި ތަޢުލީމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ވަނީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލް ނިޒާމުގެ ތެރެއިން ފަހިކޮށްދިނުން ހިމަނައިފައެވެ.

މި ސިޔާސަތާ ގުޅިގެން މިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އެތައްބަޔަކު ހިޔާލު ފާޅުކުރަމުންދާއިރު މިކަމަށް ނުހަނު އުފާފާޅުކޮށް ޝުކުރުއަދާ ކުރާ ފަރާތްތައްވެސް މަދެއް ނޫނެވެ.