ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ބިޔާދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވި 32 މީހަކު ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ބިޔާދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވްވެފައިވާ އެންމެންނަކީ އެ ރިސޯޓްގެ މުވައްޒަފުން ކަމަށެވެ.

ރިސޯޓުތަކުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން ދާތީ އެކަމަށް ފަތުރުވެރިކަމުގެ ހިދުމަތްދޭ ހުރިހާ ތަންތަނުން ސަމާލުވުމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިހާރު ރިސޯޓުތަކުގައި 108 ޕޮޒިޓިވް ކޭސް އެބަ ތިބި ކަމަށް ކަމަށާއި އެއީ 69 ފަތުރުވެރިންނާއި 39 ސްޓާފުން ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު އަހްމަދު ޝަހީދު ރޭ ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި ރިސޯޓުތަކުގައި ޕޮޒިޓިވް ކޭސްތައް އިތުރުވާނެ ކަމަށް ކުރިން ވެސް ލަފާކޮށްފައިވާނެ ކަމަށެވެ.

އެހެންކަމުން ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނުން މި ދަނޑިވަޅުގައި އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ކަމަށާއި ރިސޯޓެއްގައި އައުޓްބްރޭކެއް އަތުވެއްޖެ ނަމަ، ރިސޯޓުގެ އޮޕަރޭޝަން ހުއްޓުމަކަށް އައިސް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.