ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް އަނެއްކާވެސް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ފޮނުވުމަށް ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައިވެއެވެ.

މި މޮޑެލްގެ ދަށުން އެއާޕޯޓް ތަރައްގީކުރުމަށް ނިންމާފައިވާ ރަށްތަކަކީ ހދ.މަކުނުދޫ،ށ.ބިލެއްފަހި،ބ.ތުޅާދޫ؛ތ.ވިލުފުށި،ފ.މަގޫދޫ،ރ.އަތޮޅުދެކުނު ބިތް އަދި ފޮއްތެޔޮފަޅުއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީން ބުނީ ވ.ފޮއްތެޔޮފަޅު ފިޔަވާ އެހެން ރަށްރަށުގައި ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ 3 މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ. އަދި ވ. ފޮއްތެޔޮފަޅު އެއަރޕޯޓް ފައިނޭސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ 5 މިލިއަން އެމެރިކާ ޑޮލަރުކަމަށް ބުންޏެވެ.

މިކަމަށް އެދި ހުށަހެޅުމުގެ ވަކި މުއްދަތެއް ނެތްކަމަށް ހައުސިން މިނިސްޓްރީން ބުނިއެވެ.އަދި އިއުލާނުގެ ދަށުން ހުށަހެޅުންތައް ހުށައެޅުމުގެ ފުރުސަތު، އާންމުކޮށް އަންގާ އެންގުމަކުން ބަންދު ނުކުރާ ހާ ހިނދެއްގައި ދެމިއޮންނާނެ ކަމަށެވެ.

ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ. މަގޫދޫގެ އިތުރުން ރ. އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް އެޅުމަށް އެންމެ ފުރަތަމަ ހުޅުވާލީ ޑިސެމްބަރު 21، 2021 ވަނަ އަހަރުއެވެ. އެހެންނަމަވެސް އެ މަޝްރޫއުގެ އަގު ފަސް މިލިއަން ޑޮލަރުން ތިން މިލިއަން ޑޮލަރަށް ކުޑަކުރުމަށް ފަހު އަލުން އެ މަޝްރޫއަށް ކުރިމަތިލުމަށް ހުޅުވާލީ ފެބްރުއަރީ 15، 2022 ގައެވެ.

މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވަނީ އިއްޔެގައެވެ.