ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިލްތިމާސްކުރައްވައިފިއެވެ.

ނައިބު ރައީސް ފައިސަލްނަސީމް މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަންތައް ކުރަން ފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދާ "ކާޑިއަކް ވޯކްސޮޕް 2023" ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ދެއްްކެވި ވާހަކަފުޅުގައި، ސިއްހީ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއެކީ ތައްޔާރުވާން ޖެހޭކަމަށް ހާމަކުރެއްވުމާއެކު ނައިބު ރައީސް ވިދާޅުވީ ސިއްހަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާ މެދުވެސް ވިސްނަންޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ހާލަތަށް ބަލައި އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެންނަން ޖެހޭކަން ފައިސަލްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމަށް އާންމު ސިއްހަތާއި ނަފްސާނީ ސިއްހަތަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކޮށްދިނުމަށް ވެސް ނައިބުރައީސް އެދިވަޑައިގެންނެވިއެވެ.

ސިއްހީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ހާއްސަކޮށް އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން ވަރަށް ބޮޑުކަންވެސް ނައިބު ރައީސްގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ.

ސިއްހީ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ނައިބުރައީސް ފައިސަލްނަސީމު ވިދާޅުވީ، ރާއްޖެއަށް ސިއްހީ ދާއިރާއިން ހޯދެމުން އަންނަ ކުރިއެރުންތަކުގައި، އާ ޓެކްނޮލޮޖީއާއެކު މަތީ ފެންވަރުގެ ހިދުމަތްތަކާއި ފަރުވާތައް ތައާރަފުކޮށް، ސިއްހީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ "ކާޑިއަކް ޕޭސަންޓް ހޭންޑް ބުކް" ނެރެދެއްވައިފައެވެ.

ރާއްޖޭގައި ހިތުގެ އޮޕަރޭސަނެއް އެންމެ ފުރަތަމަ ކޮށްފައިވަނީ، 08 އޮގަސްޓް 2018 ގައި އޭޑިކޭ ހޮސްޕިޓަލުގައެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބާއްވާ "ކާޑިއަކް ވޯކްސޮޕް 2023"އަކީ ރާއްޖޭގައި ހިތުގެ ބަލިތަކާއި ފަރުވާތަކާ ގުޅޭގޮތުން ސްކޫލުތަކުގެ ދަރިވަރުންނަށާއި، ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދީ، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.