ރާއްޖޭގެ ރިސޯޓެއްގައި އިންޓާންއެއްގެ ގޮތުގައި މަސައްކަތްކުރާ ދިވެހި އަންހެނަކު، އިންޑިއާގެ މީހަކު ރޭޕްކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

ރިސޯޓެއްގެ އިންޓާންއަކަށް މަސައްކަތް ކުރަމުންދިޔަ އުމުރުން 19 އަހަރުގެ ދިވެހި އަންހެން ކުއްޖަކު ރޭޕްކުރި ދެކެވުނު ވާހަކަތަކާ ގުޅިގެން ފުލުހުން މިރޭ ބުނީ ރޭޕް ކުރުމުގެ އަމަލެއް ހިންގިކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށެވެ.

ނަމަވެސް އެ ރިސޯޓުގައި އިންޓާންޝިޕް ހަދަމުންދިޔަ ދިވެހި އަންހެނެއްގެ ގައިގައި ނުގަބޫލުގައި އެ ރިސޯޓުގައި މަސައްކަތްކުރާ އިންޑިއާގެ ފިރިހެނަކު އަތްލަން މަސައްކަތްކޮށްފައިވާ ކަމަށް އެ އަންހެންމީހާގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ފަރާތުން ދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އެއްވެސް ފަރާތަކުން ފުލުހުންނަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ފުލުހުންނަށް މައުލޫމާތު ލިބުނުއިރު، ތުހުމަތުކުރެވޭ އިންޑިއާ މީހާ ރާއްޖެއިން ފުރާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.