ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ހުވަދު އަތޮޅު އުތުރުބުރީ، ކޮނޑޭ ކައުންސިލްގެ އައު އިމާރާތާއި، ފެނަކަ އައު އިންޖީނުގެއާ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

މިތަންތަން ހުޅުއްވައި ދެއްވީ، މިހާރު އެމަނިކުފާނު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސް މިއަދު ހުޅުއްވައި ދެއްވި ކޮނޑޭ ކައުންސިލް ޢިމާރާތަކީ،އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ޖާގަ ތަނަވަސް އަދި ޒަމާނީ، އޮފީސް އިމާރާތެކެވެ.

މީގެއިތުރުން ރައީސް ހުޅުއްވައްދެއްވި ފެނަކަ އައު އިންޖީނުގެއާ އޮފީސް ޢިމާރާތަކީ ޖާގަ ތަނަވަސް ޒަމާނީ ޢިމާރާތެކެވެ. މިއީ 500 ކެޕޭސިޓީ ކިލޯވޮޓްގެ އެއްފަހަރާ 30 މީހުންނަށް މަސައްކަތް ކުރެވޭހެން ހަދާފައިވާ އިމާރާތެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި މިހާރުވެސް ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް އެކި މަރުޙަލާތަކުގައި ދަނީ ހިންގެމުންނެވެ.