ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަމަށް ވާތީ، އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ހައި ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.
ޔާމީން މިހެން ވިދާޅުވީ މިއަދު ހައިކޯޓުގައި ކުރިއަށް ދިޔަ، މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވެ، އެމަނިކުފާނަށް ކޮށްފައިވާ އެގަރައަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު ޝަރީއަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޝަރީއަތުގައި ފުރުސަތަކަށް އެދިވަޑައިގެން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މިއަދުގެ ހާލަތު ފަނޑިޔާރުންނަށް ދަންނަވާލަން ބޭނުންވާ ކަމަށެވެ. މިއަދު އެމަނިކުފާނަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށާއި މިހާރު އެމަނިކުފާނަކީ ޒުވާން އުމުރުގެ ފަރާތެއް ނޫންކަމަށެވެ. ޑޮކްޓަރުން އެމަނިކުފާނަށް އިރުޝާދު ދެއްވާފައިވާ ގޮތަށް ކަސްރަތުތައް ކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ބަންދުވެފައިކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. މޫދަށް ދިއުމަށް އަންގާފައި އޮތް ނަމަވެސް މިހާރު މާފުށި ހިއްކާތީ އެކަން ވަނީ މަނާވެފައިކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"ޒުވާން އުމުރަކު ނޫން މި ހުރީކީ. އަދި އެހެންމެ އަޅުގަނޑަށް ޑޮކްޓަރު ރެކޮމެންޑް ކޮށްފައި ހުރި ކަސްރަތުތައް ކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ މާފުށީގައި ބަންދުވެފައި. އަޅުގަނޑަށް ރެކޮމެންޑް ކޮށްފައި މި އޮންނަނީ އަޅުގަނޑުގެ އުނަގަނޑު ތަދާ ގުޅިގެން މޫދަށް ދިއުން. އެހެން ނަމަވެސް މާފުށި ހިއްކާތީއާ އެކީގައި އަޅުގަނޑަށް މިވަނީ އެކަން މަނާ ކުރެވިފައި. އަޅުގަނޑަށް އެކަމެއް ނުލިބޭ،" ޔާމީން ވިދާޅުވިއެވެ.
ފަނޑިޔާރުން އިހްސާންތެރިކަމާއެކު ވިސްނާވަޑައިގަތުމަށް އެދިވަޑައިގަންނަވައި ޔާމީން ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓްނުވެ މިފަހަރު އެހުންނެވީ އެމަނިކުފާނުގެ އާއިލާ ތަހައްމަލު ކުރަމުންދާ ހިތްދަތިކަން އިހުސާސްކުރެވޭތީކަމަށެވެ.
"އަޅުގަނޑު ހޮސްޕިޓަލަށް ނާންނަނީ ހޮސްޕިޓަލަށް އަންނަން ނުޖެހޭތީކީ ނޫން. އަޅުގަނޑު ހޮސްޕިޓަލަށް އައިސް އެޑްމިޓްނުވެ މިފަހަރު މި ހުންނަނީ އަޅުގަނޑުގެ އާއިލާ ތަހަންމަލު ކުރަމުންދާ ހިތްދަތިކަން އަޅުގަނޑަށް އިހުސާސް ކުރެވޭތީ. އެތަނަށް އައިސް އޮންނަން ވެއްޖިއްޔާ އާއިލާއިން އިތުރަށް ކަންބޮޑުވާތީ. އެހެން ނޫންނަމަ ފުރުސަތަކަށް އެދިގެން އަޅުގަނޑު އޮންނާނީ އެތަނުގައި،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ތަންފީޒު ކުރައްވަމުން ގެންދަވާ ހުކުމަކީ އެމަނިކުފާނު ކުރެއްވި ކަމަކުން އައިސްފައިވާ ހުކުމެއް ނޫން ކަމަށާއި އެކަން ޔަގީން ކަމަށެވެ. އަދި ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ މައްސަލައިގައި އެކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަފުޅު ދައްކަވަން އެބަހުރި ކަމަށާއި އެ ވާހަކަތައް ދައްކަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޔާމީން ވަނީ އެމަނިކުފާނު ގޭ ބަންދަށް ބަދަލު ކުރުމުން ދައުލަތަށް ލިބިގެންދަނީ ކޮން ގެއްލުމެއްތޯ ސުވާލު ކުރައްވައިފައެވެ. ގޭބަންދުގައި ހުންނެވިޔަސް އިސްތިއުނާފުގެ މަރުހަލާ ނިމުނީމަ އަނބުރާ ގެނެވޭނެކަމަށާއި އޭގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ލުއިތަކެއްވެސް އެބަހުރިކަމަވެ.
"ހަމަ އިސްތިއުނާފުގެ މައްސަލަތައް ނިމުނީމައި އަޅުގަނޑުގެ މައްޗަށް ހުކުމް ތަންފީޒުވެގެން ދޭ ނޫންތޯ. އެހެން ނަމަވެސް އެއިން އަޅުގަނޑަށް ލިބޭ ލުއިތަކެއް އެބަ އޮވޭ. ކަފާލާތަކީ ކުރިން ދެވުނު އެއްޗެއް އެކަމަކު މިހާރު އެކި މައްސަލަތަކާ ހެދި ނުދެވެނީ، ކޯޓުން ނިންމާފައި މިވަނީ ގާނޫނެއް ނެތީމަ ކަފާލާތު ނުދެވެނީ ކަމަށް. ކަފާލާތު ދޭނެ އުސޫލެއް ނެތުމަކީ އެއީ ކަފާލާތަށް އެދޭ މީހާގެ އުނިކަމެއް ކަމުގައި. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިހެން ކަން ވުމުން ހާއްސަ ހާލަތްތަކެއްގައި ހުންނަނީ ކަފާލާތް ދީފައި. އާއިލާއަށްވެސް ފަސޭހަ ވާނެ," ޔާމީން ވިދާޅުވިއެވެ.
އިސްތިއުނާފު ދިގުލައިގެން ދިއުމުން އެމަނިކުފާނު ޖަލުގައި ހުންނަވަން ޖެހިވަޑައިގެންނެވުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އަދި ސްޓޭއޯޑަރެއް ނައިސްފިނަމަ، ޖޫރިމަނާ ފައިސާ ދައްކަވައިފިނަމަ އެ ފައިސާ އަނބުރާ ދައުލަތުން ހޯދުމަކީ ނުކުރެވޭނެ ކަމެއް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީންވަނީ ތަކުރާރުކޮށް އެމަނިކުފާނު ގޭގެ ބަންދުގައި ހުންނެވުމުން ދައުލަތަށް ވާނީ ކޮންގެއްލުމެއްތޯ ސުވާލުކުރައްވާފަައެވެ.
"އެހެންކަމުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން މި ކަންކަމަށް ރިއާޔަތްކޮށްދެއްވައި އެއްވެސް ގޮތަކަށް ނިޒާމަކަށް ގެއްލުމެއް ނުވެ ސްޓޭއޯޑަރާއި އަޅުގަނޑު ގެއަށް ބަދަލު ކުރުމަށް. އެއީ ނިޒާމަށް ލިބޭ ގެއްލުމެއް ކަމަކަށް ނުދެކެން،" ޔާމީން ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުން ކޯޓުން ނިންމާލައްވާފައި ވަނީ ކުރިއަށް އޮތް ހަފުތާގެ އާދީއްތަ ދުވަހު ލިޔުމަކުން ދެފަރާތަށްވެސް ކޯޓުގެ ނިންމުން އަންގާނެކަން ހާމަކުރައްވާފައެވެ.