ކޮރަޕްޝަނާއި ގޭންގް ކުއްތައް ހުއްޓުވާނެ ކަމަށް ވިދާޅުވެ ވަރުގަދައަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އިކްއެޑޯރުގެ ރިޔާސީ އިދިކޮޅު ކެންޑިޑޭޓް އަދި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވުނު ފެނާންޑޯ ވިލަވިސެނޯ ގަޔަށް ބަޑި ޖަހައި މިއަދު އަވަހާރަ ކޮށްލައިފިއެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް އެންމެ 10 ދުވަހަށް ވެފައި ވަނިކޮށް ވިލަވިސެނޯ ގަޔަށް ބަޑި ޖައި އަވަހާރަ ކޮށްލީ ވެރިރަށް ކުއިޓޯގައި ކެމްޕެއިން އެއްވުމެއްގައި ވާހަކަ ދައްކަވަން ހުއްޓަވައެވެ.
ވިލަވިސެނޯއަށް ހަމަލާ ދިނުމާއެކު ބޮޑީގާޑުންގެ އެހީއާއެކު ހޮސްޕިޓަލަށް ގެންދެވުނެވެ. ވިލަވިސެނޯ ގަޔަށް އެތައް ވަޒަނެއް އަރާފައިވާ ކަމަށާއި އަހަވާރަވީ ފަރުވާ ދެމުން ދަނިކޮށް ކަމަށް އިކްއެޑޯރުގެ ނޫސްތަކުން ބުނެއެވެ.
ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާ އާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި ހަމަލާދިން ކަމަށް ޝައްކު ކުރެވޭ މީހާ މަރުވެފައިވާ ކަމަށް އިކްއެޑޯރުގެ ފުލުހުން ބުނެއެވެ. އަދި ވިލަވިސެނޯ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން އިތުރު ބަޔަކު ހައްޔަރު ކޮށްފައި ނުވާކަމަށްވެސް އިކްއެޑޯރުގެ ފުލުހުން ބުނެއެވެ.
އިދިކޮޅު ކެންޑިޑޭޓް އަހަވާރަ ކޮށްލުމާއި ގުޅިގެން ރައީސް ގްއިލާނޯ ލެސޯ ނުރެއްވި ބަޔާނުގައި ވިދާޅުވީ މިހަމަލާ ރޭވި މީހުން ފަރާތްތައް ހޯދައި ހައްގު އަދަބު ދެއްވާނެ ކަމަށެވެ. "ރާވައިގެން ހިންގާ ކުއްތައް މިވަނީ ހައްދުފަހަނައަޅާފައި ގޮސްފައި. ގޭންގް ކުއްތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑު ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން" ލެސޯ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ.
އިކްއެޑޯރުގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވިލަވިސެނޯ،59، އަވަހާރަ ކޮށްލާފައިވާއިރު، މިދިޔަ މަހުން ފެށިގެން އެގައުމުގެ ޖަލުތަކުގައި ގޭންގް ކުއްވެރިންގެ މެދުގައި ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންނެވެ. ބައެއް ޖަލުތަކުގެ ގާޑުން ރަހީނުކޮށް ޖަލުތަކުގެ ކޮންޓްރޯލްވެސް ގޭންގް ކުއްވެރިން ނެގިއެވެ.
ދެކުނު އެމެރިކާއަށް ނިސްބަތްވާ އިކްއެޑޯރަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެކޮއިން މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އަދަދަކަށް އުފައްދާކަމަށް އދ.އިން ލޭބަލް ކޮށްފައިވާ ކޮލަމްބިއާ އާއި ޕެރޫއާ ދެމެދު އޮންނަ ގައުމެކެވެ.