އއ. ރަސްދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެކަމަށް އެމަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އިއްޔެ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 106,552 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބިން ހިއްކުމާއި، 106 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން 1,656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 177 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވެއެވެ. ރަސްދޫ ބަނދަރުގައި 244 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރަސްދޫ ބަނދަރުގެ މަސައްކަތް ކުރުމުގެ ތެރެއިން

މީގެއިތުރުން ބުނީ ބަނދަރުގެ އަމަލީ މަސައްކަތް ނިމޭއިރު 43 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 20 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި 795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަށް އެކްސެސް ޕްލެޓްފޯމެއް ހެދުމުގެ މަސައްކަތް ވެސް ހިމެނޭކަމަށެވެ.

ރަސްދޫ ބަނދަރުގެ މަޝްރޫއަކީ 80.4 މިލިއަން ރުފިޔާއަށް ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.