ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ޕެނަލްޓީއިން 1-0 އިން އިރާގުގެ އަލް ޝޯޓާ ބަލިކޮށް ސައުދީގެ އަލް ނަސްރު މިހާރު ކުރިއަށްދާ އަރަބް ކްލަބް ޗެމްޕިއަންސް ކަޕުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގިނަވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅު ހަމަލާތަކެއް އަލް ނަސްރުން އުފެއްދި މިމެޗުގައި ރޮނާލްޑޯ ޕެނަލްޓީއަކުން ނަސްރަށް ލީޑް ނަގައިދިނީ 75 ވަނަ މިނެޓުގައެވެ. ޕެނަލްޓީ ދިނީ ވީއޭއާރު ބެލުމަށްފަހުއެވެ. އޭގެ ފަހުން 86 ވަނަ މިނެޓުގައިވެސް ޕެނަލްޓީއެއް ލިބުމާއި ކައިރިއަށް ނަސްރު ޖެހިލިއެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ ޕެނަލްޓީ ނުދިނުމަށެވެ.

މެޗުގެ 32 ވަނަ މިނެޓުގައި ރޮނާލްޑޯ ލަނޑެއްވެސް ޖެހިއެވެ. އެކަމަކު ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ ރޮނާލްޑޯ ލަނޑު ޖެހީ އޮފްސައިޑް މަގާމެއްގައި ހުރެ ކަމަށެވެ.

މިމެޗުގައި މިސީޒަނުގައި އަލް ނަސްރާ ގުޅުނު މަޝްހޫރު ކުޅުންތެރިން ކަމުގައިވާ ސާޑިއޯ މާނޭ އާއި ބްރޮޒޮވިކް، ފޮފަނާ އަދި ބްރެޒިލްގެ ވާތު ބެކް އެލެކްސް ޓެލެސް ފުރަތަމަ އެގާރައިގައި ކުޅުނެވެ.

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިދިޔަ ސީޒަނުގައި ނަސްރާ ގުޅުނު ރޮނާލްޑޯއަށް އެކްލަބާއެކު ފުރަތަމަ ފަހަރަށް ތައްޓެއް ކާމިޔާބު ކުރަން ފުރުސަތު ލިބިފައިވާއިރު، އަންނަ ހޮނިހިރު ދުވަހު ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ވާދަވެރި އަލް ހިލާލްއާއެވެ.