ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ބުނީ ހާމަކޮށްފައިވާ ގޮތުގައި ޑރ. ވަހީދު ވަނީ މިރޭގެ ވަގުތެއްގައި މާމިގިއްޔަށް ވަޑައިގެންފައެވެ. އަރިހުގައި ޑރ. ވަހީދުގެ ދަރިކަލުން ސާލިމް ވަހީދު ހުންނެވިއެވެ.

އެއާޕޯޓުން ޑރ. ވަހީދަށް މަރުހަބާ ދެންނެވީ ގާސިމް ކަމަށްވެސް ޖޭޕީން ވަނީ ބުނެފައެވެ.

ގާސިމް އަރިހުގައި އެމަނިކުފާނުގެ އެޑްވައިޒަރު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުވެސް ހުންނެވިއެވެ.

ގާސިމް ވަނީ މިދިޔަ ހަފުތާގައި ޑރ. ވަހީދާ ބައްދަލުކުރައްވައިފައެވެ. ޑރ. ވަހީދުގެ ގެކޮޅު، މއ. ޔުރޭކާގައި ކުރިއަށް ދިޔަ އެ ބައްދަލުކުރެެއްވުމަށްފަހު ގާސިމް ވިދާޅުވީ ރައީސް ވަހީދާ ބައްދަލުކުރެއްވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމަށް ދައުވަތުދެއްވުމަށް ކަމަށެވެ.

ޕީޕީއެމްގެ، ސްޕެޝަލް އެޑްވައިޒަރުގެ މަގާމުންނާއި އެ ޕާޓީގެ މެމްބާޝިޕުން ވަކިވެވަޑައިގެންފައިވާކަން ޑރ. ވަހީދު ވަނީ އިއްޔެ އާންމު ކުރައްވައިފައެވެ.

ޑރ. ވަހީދު، ގާސިމާ ބައްދަލުކުރައްވާފައި މިވަނީ، އެ މަނިކުފާނު ޖުމްހޫރީ ޕާޓީއާ ގުޅެން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. ނަމަވެސް އެކަން ޖުމްހޫރީ ޕާޓީގެ ފަރާތުން އަދި ކަށަވަރުކޮށް ދީފައެއް ނުވެއެވެ.