ރިޔާސީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު މާދަމާ ފެއްޓެވުމަށް ހަމަޖެހިއްޖެއެވެ.

އެމަނިކުފާނުގެ ކެމްޕެއިނަށް އެ އަތޮޅަށް މިކުރައްވާ ދަތުރުފުޅު ފައްޓަވާނީ މާދަމާ ހެނދުނުއެވެ. އަދި މިދަތުރުފުޅުގައި، އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެ އަތޮޅަކީ އެމަނިކުފާނާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ތާއީދު ބޮޑު އަތޮޅެކެވެ.

ރައީސް އެންމެ ފަހުން ކެމްޕޭނަށް ވަޑައިގެންނެވީ ހުވަދު އަތޮޅަށެވެ. އަންނަ މަހު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 26،244 މީހުން ތިބި ހުވަދު އަތޮޅަށް ރައީސް ކުރެއްވި މި ދަތުރުގައި ޖުމްލަ 17 ރަށަކަށް ވަޑައިގެންނެވިއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. އަދި އެމަނިކުފާނުގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.