ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސްގެ ރަނިންގމޭޓް ޙުސައިން އަމްރު ބ.އަތޮޅަށް ވަޑައިގެންފިއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ތާއީދު ހޯއްދެވުމަށް އަމްރު ބ.އަތޮޅަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެމަނިކުފާނާއެކު މި ދަތުރުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފާއި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އަމްރު މިވަގުތު ބ.އަތޮޅުގައި ހުންނެވިއިރު އިލްޔާސާއި ރައީސް މުޙައްމަދު ނަޝީދު މިހާރު ގެންދަވަނީ ހުވަދު އަތޮޅުގައި ކެމްޕޭން ކުރައްވަމުންނެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދައިފައިވާ ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މެއި 24 ވަނަ ދުވަހުއެވެ.