ގައިގެ އާރާއި ބާރު ހުރި ޒުވާން އުމުރުން ފެށިގެން ދޮށީ އުމުރާ ހަމައަށް ދިއުމާ ހަމައަށް ވެސް، ޒިންމާދާރު، އިހްލާސްތެރި، އަމާނާތްތެރިކަމާއެކު މަސައްކަތްކުރާ ހީވާގި މުވައްޒފުންނަކީ ދުނިޔޭގައި ތަދު ބައެކެވެ. މިފަދަ ފަރާތްތައް މަސައްކަތް ކުރާ ތަނެއް ކުރިއަރައިގެން ދިއުމުގައި އެމީހުންގެ ދައުރު ބޮޑެވެ.

އަދުގެ ދުނިޔޭގައި ތަރައްގީއާއި ތަމައްދުންވެ ތަހުޒީބުވެފައި އޮތް ރާއްޖޭގައި މިދަންނަވާ ފަދަ އަޒުމެއްގައި ވަޒީފާ އަދާ ކުރަ ޒުވާނުން ވަރަށްވެސް މަދެވެ. ހަމަޖެހިފައި އޮންނަ އުސޫލުގެ މަތިން އަހަރެއްގެ ތެރޭގައި ލިބެން އޮންނަ ސަލާމުގެ ތިރީސް ދުވަހަކީ ކޮންމެހެންވެސް ހަމަކުރަން ޖެހޭ ދުވަސްތަކެއް ކަމުގައެެވެ. ކުރާހިތުން އަމިއްލަ ކަމެއްގެ ގޮތުގައި ވަޒީފާ އަދާ ކުރާ ޒުވާނުން ވަރަށް މަދެވެ. ގަޑިއަށް ފަރުވާ ބަހައްޓައި ކަމަށް ކަމޭހިތާ ފަރާތްތައްވެސް ހަމަ އެހާމެ މަދެވެ.

ބްރަދަރހުޑް ކުންފުނީގައި ވަހީދުބެގެ ދައުރު

ހުވަދު އަތޮޅު ތިނަދޫއަށް އުފަން، އެހެނަސް މިހާރު ހުޅުމާލޭގެ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅެމުންދާ، 65 އަހަރުގެ މުހައްމަދު ވަހީދު، ވަހީދުބެ އަކީ މިޒަމާނުގެ ޒުވާނުންނަށް ފެންނަން ހުރި ލާމަސީލު ނަމޫނާއެކެވެ. ޒުވާން އުމުރުގެ ދުވަސްތަކެކޭ މިއަދެކޭ ވަކި ތަފާތެއް ނެތެވެ. (މުހައްމަދު ވަހީދު) ވަހީދުބެއަކީ "ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސް"ގެ ވަފާތެރި މުވައްޒަފެކެވެ. އެކުންފުނީގެ އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރޭގައި ދެމިހުރި އިހުލާސްތެރިއެކެވެ.

ހަޔާތުގެ ދަތުރުގައި ބްރަދާހުޑްއާ ގުޅުނު ހިސާބުން ފެށިގެން ކަންތައް ވެފައިވާ ގޮތް "ހަލި"ނޫހަށް ކިޔައިދެމުން ވަހީދުބެ ބުނީ އެކުންފުންނަށް ފުރަތަމަ ވަޒީފާއަށް ނުކުންނަން ފެށިއިރު އެއީ ހަމަ ވަރަށް އާދައިގެ ކުންފުންޏެއް ކަމަށެވެ. އޭރު ހުރީ އެންމެ ދެގުދަން ކަަމަަށާއި، ވެހިކަލްގެ ދަތިކަމާހުރެ ޑެލިވަރީ ކުރުމަށްވެސް ނުކުމެ އުޅުނީ ޓްރޮލީގައިކަމަށް ވަހީދުބެ ކިޔައިދިނެވެ.

"އަޅުގަނޑަށް މިކުންފުނީގެ ވެރިފަރާތުން ގުޅާފައި ދެންނެވީ ވަހީދުބެ ބޭނުމިއްުޔާ އެބައޮތޭ ފުރުސަތު، ވިސްނާލާފައި ޖަވާބެއް ދޭން ދެންނެވީ، އަޅުގަނޑު އެވަގުތުން ފެށިގެން މިކުންފުންޏާ ގުޅުނީ، ދުވަހަކުވެސް ޒުވާބެއް ކޮށް، ދެބަސްވެ މިފަދަ އެއްވެސް ކަމެއް ދުވަހަކުވެސް ނުހިނގާ، ސަތާރަ އަހަރު މިވީ، އަޅުގަނޑު ފެށީ މާބޮޑު މުސާރައަކުންނޫން، އޭރު ކުންފުންޏަކީ ވަރަށް ކުޑަކުޑަ ތަނެއް، މަދު މުވައްޒަފުން ތިބޭނީ،" ވަހީދުބެ، ބްރަދަރހުޑް ކުންފުންޏާއި އޭނާ ގުޅުނު ގޮތުގެ ވާހަކަ ހިއްސާކުރަމުން ދިޔައިރުވެސް އަޑުގައި ހުރީ ތަނަށާއި ކަމަށް އޮތް ލޯތްބާއި ހާއްސަކަމުގެ އަސަރެވެ.

"މިކުންފުންޏަކީ އަޅުގަނޑު ޖޮއިން ވީއިރު ވަރަށް ދަށް، ހަމަ ސުމަކުން ފެށި ކުޑަކުޑަ ކުންފުންޏެއް، އޭރު އެންމެ ދެގުދަން ހުންނާނީ، ވެހިކަލްގެ ދަތިކަމާ ހުރެ ޑެލިވަރީތަކަށްވެސް ޓްރޮލީގައި،"

ވަހީދުބެއަކީ ބްރަދަރހުޑް ކޮމްޕެނީސް އާ ފުރަތަމަ ލޭބަރެއްގެ ގޮތުގައި ގުޅުނު ނަމަވެސް މިއަދު މެއިންޓެނެންސް އޮފިސަރެއްގެ މަގާމުގައި ހުރުމުގެ އިތުރުން މިހާރު ކުންފުނީގެ ގޯޑައުންސައިޑްގެ ހުރިހާ އޮޕަރޭޝަންތައް ބަލަހައްޓައި ހުރިހާ މަސައްކަތްތަކެއްގެ ސުޕަރވައިޒެއްފަދައިން ހަވާލުވެ ހުރި ފަރާތެވެ. މިހިސާބަށް އައިއިރު ދުވަހަކުވެސް ވަހީދުބެގެ އެއްވެސް ޝަކުވާއެއް މެނޭޖްމަންޓާ ހަމަށް ނުދެއެވެ. އެންމެ ދުވަހަކުވެސް ގަޑިޖެހިފައި ނެތެވެ. ގަޑީގެ ކުރިން ވަހީދު ޑިއުޓީއަށް ނުކުމެއެވެ.

ވަހީދުގެ މިރިވެތި ނަމޫސާ ސިފަތަކަކީ އަދުގެ ޒުވާނުން ނަމޫނާއަކަށް ބަލަންޖެހޭ ފަދަ މާތް ސިފަތަކެކެވެ.

"ވަހީދުބެ ދުވަހަކުވެސް ގަޑިޖެހުނު ހަނދާނެއް ނުވޭ، އަބަދުވެސް ގަޑީގެ ކުރިން ހާޒިރުވާނެ، އަނެއްކަމަކީ ވަހީދުބެ ސަލާމް ބުނި ދުވަސްތައް އިނގިލިން ގުނާލެވޭހާ މަދު، ވަރަށް ބޮޑަށް ބަލިވެގެން ނޫނީ ވަހީދުބެ ވަޒީފާއަށް ހާޒިރުވާނެ، މިއީ މިޒަމާނުގެ ކުދިންނަށް ހުރި ވަރަށް ރަނގަޅު، ފުރިހަމަ މިސާލެއް،" ބްރަދަރހުޑް ކުންފުނީގެ އިސްސްޓާފަކު ވަހީދުބެއާ ބެހޭ ގޮތުން ކިޔައިދިނެވެ.

ބްރަދަރހުޑް ކުންފުނީގެ ޖެނެރަލްމެނޭޖަރ، އަހުމަދު ވަހީދު ވިދާޅުވީ އެ ކުންފުންޏަށް މިހާތަނަށް ގެނެވުނު ކޮންމެ ބަދަލެއްގައިވެސް ވަހީދުބެގެ ހިއްސާ އޮންނަ ކަމަށެވެ.

"ވަހީދުބެއަކީ އަހަންނަށް އެންމެ ބޮޑު ސަޕޯޓެއް ދޭ ސްޓާފަށް ވާނެ، ވަހީދުބެއަކީ މަސައްކަތެއްގެ ޕްރޮގްރާމްކޮށްފައި ދީފިއްޔާ، އޭގެ ވަގުތަށް މަސައްކަތް ނިންމަން ސައުވީސްގަޑިއިރު ހޭލާ ހުރެގެންވެސް، ގަޑިއަށް މަސައްކަތް ނިންމން މަސައްކަތް ކުރާ މީހެއް. ކުންފުންޏަށް މިހާތަނަށް ގެނެވުނު ކޮންމެ ޗޭންޖެއްގަ ވަހީދުބެގެ ހިއްސާ އޮންނާނެ،"
ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސްގެ ޖީއެމް، އަހުމަދު ވަހީދު

ވަހީދުބެ "ހަލި"ނޫހަށް އޭނާގެ ވަޒީފާގެ އެކިއެކި ކަންތަކާބެހޭ ގޮތުން ކިޔައިދިނެވެ. ވަހީދުބެގެ ކޮންމެވާހަކައަކުންވެސް ލިބެނީ އިބްރަތެވެ.

"އަޅުގަނޑު ނުހުންނަން ވަކި އިސްމީހެކޭ ކިޔާފައި، މަގާމަށް ބަލާފައި ނޫން މަސައްކަތް ކުރަނީ، އިސްމީހެކޭ ކިޔާ އަމުރުކޮށްފައި ބަލަން ނުހުންނަން، ހަމަ އެހެން މީހުންނާއެކު ބައިވެރިވެގެން އަޅުގަނޑުވެސް އަޅުގަނޑު މަސައްކަތު މީހުން ގޮވައިގެން މަސައްކަތް ކުރުވަމުންދާއިރު އެމަސައްކަތުގައި ބައިވެރިވާނެ. މުދާ ބާލަން އަންނަ އުޅަނދަކުން މުދާބާލަން ޖެހޭއިރު އެންމެ ފުރަތަމަ ކުރިއަށް ނުކުމެ ލޯޑް ހުސްކުރަން ފުރަތަމަ ފޮށިގަނޑު ކޮނޑުގައި ޖަހައިގެން ހިނގައިގަންނާނީ އަޅުގަނޑު، އެއީ ކީއްވެގެންކަމަށްތޯ! އަޅުގަނޑުގެ ހިތަކަށް ކުޅަދާނައެއް ނޫން އެލޮރީ އެތާ އޮވެ ގިނައިރު ވާތަންބަލާކަށް، އެލޮރީ އެތަނުގައި އޮވެ ގިނައިރު ވާވަރަކަށް ކުންފުނިން އެޔަށް ދޭން ޖެހޭ ފައިސާ ދާނީ އިތުރުވަމުން، އެއީ އަޅުގަނޑުގެ ހިތަކަށް ފަސޭހަ ކަމެއްނޫން، އަޅުގަނޑު ބަލާނީ ވީހާވެސް އަވަހަށް އެމުދާ ހުސްކުރެވޭތޯ!"
މުހައްމަދު ވަހީދު

މިއީ އަދުގެޒުވާނުންނަށް ހުރި ލާމަސީލު މިސާލެކޭ ބުނަން މިޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ވަހީދުބެއަކީ މުވައްޒަފެކެވެ. ވަހީދުބެގެ ޖީބަކުން އެބުނި މުދާބާލަން އައި އުޅަނދަކަށް އެންމެލާރިއެއްވެސް ދޭކަށް ނުޖެހޭނެއެވެ. އަދި ވަހީދުބެގެ މުސާރައަކުން ބޮޑުލާރިއެއް ކީއްކުރަން އެންމެ ލާރިއެއްވެސް އުންޏެއް ނުކުރާނެއެވެ. އެހެނެއްކަމަކު ވަހީދުބެ އެމަސައްކަތް ކުރަނީ އަމިއްލަ ތަނެއްގައި އަމިއްލަ ކަމެއް ކުރާ އުސޫލުންނެވެ.

"މިތަނުގައި އެއްވެސް ބޭފުޅަކު އަޅުގަނޑަށް ބާރަށް ބަހެއް ނުބުނާނެ، ކޮންމެ ކުއްޖަކުވެސް އަޅުގަނޑާ ވާހަކަދައްކާނީ އަދަބުވެރިކަމާއެކު އެއީ މިތަނުގެ މުވައްޒަފުންގެ ފަރާތުން އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އިހުތިރާމެއް،" ކުންފުނީގެ މުވައްޒަފުންދެކެ ވަހީދުބެ ލޯބިވުމުގައިވެސް ސަބަބުތައް އެބަހުރިމެއެވެ.

އާއިލާ / އުންމީދުތައް

ވަހީދުބެގެ އަމިއްލަ ދިރިއުޅުމަށް ނަޒަރު ހިންގާލާއިރު އެފަރާތުންވެސް ފެންނަނީ އިންތިހާއަށް ހަމަޖެހޭ، އަމާން އޮމާން ދިރިއުޅުމެވެ. ވަހީދުބެގެ ހަޔާތުގެ ބައިވެރިޔާ އަދި މިހާރު އެކަށީގެންވާ ރަނގަޅު ވަޒީފާތަކުގައި ތިބި ތިން ކުދިންގެ މަންމައަކީ ވަހީދުބެގެ ކާމިޔާބީއާއި ކުރިއެރުމުގެ އެންމެ ބޮޑު އެއް އެހީތެރިޔާއެވެ.

ވަހީދުބެއަކީ ނަސީބުރަނގަޅު ފިރިއެކެވެ. އަދި އެހާމެ ފަހުރުވެރިވުން ހައްގުވާފަދަ ކުދިންތަކެއްގެ ބައްޕައެކެވެ. ވަހީދުބެ "ހަލި" ނޫހަށް އާއިލާއާ ބެހޭ ގޮތުންވެސް ބައެއް ވާހަކަތައް ހިއްސާކުރިއެވެ.

"އަޅުގަނޑުގެ އަނބިމީހާ އިންނަނީ ހުޅުމާލޭގައި، ތިބެނީ ތިންކުދިން، އަޅުގަނޑުގެ ތިންކުދިންގެ ތެރެއިން އެއްކުއްޖަކީ ޑޮކްޓަރެއް، އަނެއްކުއްޖަކީ ސައުދީއަރަބިއްޔާއިން ޑިގްރީފާސް ނަގައިގެން ހުރި ލޯޔަރެއް، ގުރުއާންހިތުދަސް ހާފިޒެއް، އެކުދިން ތިބެނީ ރާއްޖޭގެ ފުންނާބު އުސްމަގާމުތަކުގައި. ދެކާފަކުދިން، ތިންކުދިން ތިބި އިރު ތިންކުދިން ވެސް ތިބީ ފެންވަރު ރަނގަޅު ވަޒީފާތަކުގައި، އަޅުގަނޑު މިއަދު ވަޒީފާ އަދާނުކުރިއަސް އުފަލުގައި ދިރިއުޅެވޭ ވަރަށް ފާގަތި،"

އާއިލާގެ ވާހަކަ ދައްކަން ފެށުމާއެކުހެން ވަހީދުބެގެ މޫނުމަތިން އުޖާލާކަމާއި ވިދުވަރެއް ފެނިގެން ދިޔައެވެ. އުފާވެރިކަމާއި ފަހުރާއި ލޯބިން ވަހީދުބެގެ އަޑުވެސް ބަދަލުވިކަން ފާހަަގަކުރެވުނެވެ. އެއީ އާއިލީ ލޯބިން އެހިތާއި ހަށިގަނޑަށް ކުރި އަސަރެވެ.

ތިންކުދިން ތިބި އިރު، ހަތްއަހަރާއި ތިންއަހަރުގެ ދެ ކާފަކުދިންނާއި ލޯބިވާ އަނބިމީހާއާއި އާއިލާއާއެކު އަދު ވަހީދުބެގެ ދިރިއުޅުން އޮތީ ފުރިހަމަވެފައެވެ. އެހެންނަމަވެސް އަދިވެސް ވަހީދުބެގެ އުންމީދުތަކާއި ހުވަފެންތައް ގުޅިފައި ވަނީ ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސްއާއެވެ. ވަހީދުބެގެ ދެވަނަ ގެއަކީ އަދި ދިރިއުޅުމުގެ ދެވަނަ އާއިލާއަކީ އެކުންފުންޏާއި އެކުންފުނީގެ މުވައްޒަފުންކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

"އުންމީދަކީ އަދިވެސް މިކުންފުނި އިތުރަށް ކުރިއަރައިގެން ދިއުން، ދެންވެސް ކުންފުންޏަށް އަޅުގަނޑުގެ ފަރާތުން ކުރެވޭ ހުރިހާ މަސައްކަތެއް ކޮށްދޭނަން،"

"މިއީ އަޅުގަނޑުގެ އަމިއްލަ ތަނެއްގެ ގޮތުގައި ދެކޭތީ ހުކުރު ދުވަސްވެސް އަޅުގަނޑު ޗުއްޓީ ނުނަގަން، ހުކުރުދުވަހުވެސް މިތަނުގައި ހުންނަ ސްޕެއާ ތައްފަދަ ސާމާނުތައް ނެރެގެން ވިއްކަން، ކުންފުންޏަށް ލިބޭ ކުރިއެރުމަކީ ލިބޭ ނަފާއަކީ އަޅުގަނޑަށްލިބޭ އަމިއްލަ ފައިދާއެއްކަމަށް އަޅުގަނޑު ދެކެނީ،" ވަހީދުބެގެ ހިތުގައި މިވަޒީފާއާއި މިކުންފުންޏާއި މިތަނުގެ ހުރިހާ ކަމަކަށްވެސް ދެވިފައިވަނީ ބަޔާން ނުކުރެވޭ ލޯތްބެކެވެ.

ހަލި"ނޫހުން ވަހީދުބެއާ އިންޓަވިއު ކުރުމުގެ ތެރެއިން

އަދު ވަހީދުބެގެ އުމުރު 65 އަހަރުވެފައި ހުރިއިރު، އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި އަރާމުކުރަން ވަހީދުބެ މަޑުކުރިއަސް އުފަލާއެކު ހަރަދުކުރާނެ ގާބިލު، ފުދުންތެރި ދަރިން އެބަތިއްބެވެ. ހަމައެހެންމެ ވަހީދުބެ ގެ އަމިއްލަ މިލްކިއްޔާތުގައިވެސް އަދު ވަހީދުބެއަކީ ފައިސާހުރި މީހެކެވެ، ހަޔާތުގެ ބާކީ އޮތް ދުވަސްތައް ބުރަކަމެއް ނެތި އުޅެވޭނެ ފެންވަރު އެބަހުރިމެއެވެ. އެކަމަކު އެގޮތެއް ވަހީދުބެ ބޭނުން ނުވެއެވެ. ސަބަބަކީ ވަހީދުބެއަށްޓަކައި ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސްއަކީ ހަމައެކަނި ވަޒީފާއެއް ނޫންކަމަށްވާތީއެވެ. އެއީ ވަހީދުބެގެ ވުޖޫދުގައި ހަރުލާފައިވާ ވަހީދުބެގެ އަމިއްލަވަންތަކަން މާނަކޮށްދޭ ލޯތްބެކެވެ.

"އަޅުގަނޑު މިކުންފުނި ދޫކޮށްލާފައި ދާކަން ނެތިން، މިކުންފުންޏަށް ޖެހިފައިވާ ލޯތްބާއި މިމަސައްކަތްދެކެ ހުންނަ ކުލުނާއި މިތަނުގެ ސްޓާފުންގެ ގާތްކަމަކީ އަޅުގަނޑަށް ދޫކޮށްލާފައި ދާން ފަސޭހަނޫންކަންތައްތައް،" ވަހީދުބެގެ އަޑުން އެލޯތްބާއި އެގަދަރުގެ އަސަރު އިހުސާސްކުރެވެއެވެ.

"ވަހީދުބެއަކީ ވަރަށްވެސް ރަނގަޅު ލީޑަރޝިޕެއް ހުންނަ ފަރާތެއް، އަޅުގަނޑުމެންގެ ކުންފުނީގައި މިހާރު ތިބި ސްޓާފުންގެ ތެރެއިން ކޮންމެ ސްޓާފަކަށްވެސް ކޮންމެވެސް އެއްޗެއް ވަހީދުބެގެ ފަރާތުން ދަސްވެ އެނގިފައި އޮންނާނީ، ވަހީދުބެއަށް އެނގިފައި ހުރި އިލްމަކާއި ލިބިފައިހުރި ހިލްމު ފޯރުކޮށްދޭ އެދުރެއް، އެއީ މިހާރު މިކުންފުންޏާ ގުޅޭ ކުދިންނަށް ބުނެދީ ތަމްރީނުކުރާ ފަރާތް، ވަހީދުބެގެ ތަޖުރިބާ ކުންފުނީގެ މުވައްޒަފުންނަށް އުނގަންނައިދީ ބުނެދީ ތަމްރީނުދިނުމުގައި ގަޔާވެ ކޮންމެ ކަމެއްވެސް ކުރާ އުސޫލުން އެކަން ވެސް ކުރަނީ ވަރަށް ގަޔާވެ،" ކުންފުނީގެ އިސްމަގާމެއްގައި ހުރި ފަރާތަކުން ވަހީދުބެގެ އިހުލާސްތެރިކަމާއި ވަޒީފާއަަށް ކަމޭހިތާވަރު ކިޔައިދިނެވެ.

ވަހީދުބެގެ ކާމިޔާބީއާއި ކުރިއެރުމުގައި އެހީތެރިކަން ފޯރުކޮށްދޭ އަބަދުވެސް ކޮންމެ ކަމެއްގައިވެސް ގާތުގައި ޖެހިގެން ހުރި އަނބިމީހާއަށް ވަހީދުބެ ޝުކުރުއަދާކުރީ ހިތުގެ އެންމެފުނުންނެވެ. ކުންފުނީގެ ވެރިފަރާތަށް ވަހީދުބެ ވަރަށްވެސް ހާއްސަ ޝުކުރެއް ހިއްސާކުރިއެވެ. އެފަރާތުން ދިން ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ވަހީދުބެއަށް ބޭނުންކުރުމަށް މަގުފަހުކޮށްދިން ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް ވަހީދުބެ ޝުކުރުއަދާކުރިއެވެ.

ވަހީދުބެ ފަދަ މީހުންނަކީ ގައުމަށް ކިތަންމެހާވެސް މުހިންމު ބައެކެވެ. އަދި ހަމައެހެންމެ ވަހީދުބެއަކީ ދިވެހި ކޮންމެ ޒުވާނަކުވެސް ނަމޫނައަކަށް ބަލައިގެން، ވަހީދުބެގެ ފިޔަވަޅު މަތީ ފިޔަވަޅު އަޅަމުން ދާން އެންމެ ހެޔޮ އެއްމިސާލެވެ. ވަހީދުބެގެ ރިވެތި އުސޫލުތަކާއި ސުލޫކާއި އަހުލާގުން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. މިއީ ތަރައްގީވެ ތަހުޒީބުވެފައިވާ މިފަހު ޒަމާނުގައި ދިވެހިންގެ ތެރެއިން ވަރަށް މަދުން ނޫނީ ނުފެންނަކަހަލަ ނަމޫނާއެކެވެ. މަތިވެރި ހިދުމަތަށާއި އެންމެނާ ގުޅޭ އުފާވެރި މިޒާޖާއި ތެދުވެރި އިހުލާސްތެރި ސިފަތަކުގެ ވެރި ވަހީދުބެއަށާއި ވަހީދުބެގެ އުންމީދުތައް ގުޅިފައިވާ ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސް އަށް "ހަލި"ނޫޙުގެ ފަރާތުން އަދަށްވުރެ ފަހި މާދަމާއަކަށް އަދި ކާމިޔާބީގެ ހަރުފަތްތަކުގެ އެންމެ އުހަށް ދިއުމާއެކު، ފާގަތި މުސްތަގުބަލަކަށް އެދެމެވެ.

[ނޯޓް: މަޝްހޫރު ބްރަދަރހުޑް ކާމިޔާބު، ދިވެހިންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ކުންފުންޏަކަށް ހެދުމުގައި، މަގާމުގެ ގޮތުން އެކުންފުނީގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއާ ހަމައަށްވެސް ހައިރާކީ ތަރުތީބުން ކޮންމެ މުވައްޒަފަކީވެސް މުހިންމު ފަރާތެކެވެ. ދާދި އިހަކަށް ދުވަހު 10 އޮގަސްޓް 2023ވީ ބުރާސްފަތި ދުވަހު ކުންފުނީގެ އަށާރަ ވަނަ އަހަރީ ދުވަސް ފާހަގަ ކުރިއިރު، ހަމައެންމެ ދެ ގުދަނުގެ އެހީއާއި، ފަނަރަ ސޯޅައެއްހާ މުވައްޒަފުންނާއެކު ސުމަކުން ފެށި ނަމަވެސް އަދު 120 މުވައްޒަފުން ހިމެނޭ މިކުންފުންޏަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މުދާ ފޯރުކޮށްދޭ ފުންނާބުއުސް ކުންފުންޏެކެވެ. ބްރަދަހުޑް ގްރޫޕަކީ ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ކޮސްމެޓިކްސް، ގާމެންޓްސް، އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކްސް އަދި ގޭތެރޭގެ ސާމާނު ފޯރުކޮށްދޭ އެއް ކުންފުންޏެވެ.

[ ވަހީދުބެގެ އިހުލާސްތެެރިކަމުގެ މިވާހަކަތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ އެންމެ ބޮޑު ބޭނުމަކީ، އަދުގެ ޒުވާނުންނަށް ރީތި ރަނގަޅު ފުރިހަމަ ނަމޫނާއެއް ދައްކައިދިނުމެވެ. މިއީ ކޮންމެ ޒުވާނަކުވެސް އައިޑަލްއަކަށް ހެދުމަށް ހަމަ އެންމެ އެކަށީގެންވާ ފަދަ ޝަހުސެކެވެ! ]